އިބްރާހިމް ޒަކީ
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އަށް މެންބަރަކު އައްޔަން ކުރުމަށް، ރައީސުލް ޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވި ނަންތައް އަނބުރާ ފޮނުވާލައި، އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އަލުން ހުޅުވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މަޝްވަރާއަރުވަން މަޖިލީހުން ފާސްކޮށްފިއެވެ.
އެންއައިސީގެ މެމްބަރުކަމުން މުހައްމަދު ފަރުހާދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތި ލުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލެއްވި ފުރުސަތުގައި ކުރިމަތިލެއްވި 26 ބޭފުޅުންގެ ނަން ރައީސުލް ޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވިއެވެ.
އަދި އެ ނަންތައް ދިރާސާ ކުރުމަށް މަޖިލީހުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ފޮނުއްވިއެވެ.
ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް އެ ނަންތައް ފޮނުއްވި ނަމަވެސް އެންއައިސީއަށް އެތަނުން ބޭފުޅަކު ހޮވުމުގެ ބަދަކުގައި މަޖިލީހުން އަލުން އެ ނަންތައް ކޮމިޓީއަށް ފޮނުއްވިއެވެ.
އެންއައިސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އަލުން ހުޅުވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އަރުވަން މަޖިލީހުން މިއަދު ފާސްކުރީ، އެކަމާބެހޭގޮތުން މަޖިލީހުން ގޮތެއް ނިންމައިދިނުމަށް އެދި ކޮމިޓީން މަޖިލީހަށް ހުށަހެޅުއްވުމުންނެވެ.
އެ މަޝްވަރާ ރައީސްއަށް އަރުވަން މި ކަމާބެހޭ ރިޕޯޓަށް އިސްލާހު ހުށަހަޅުއްވަމުން، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، އެ ނަންތައް ދިރާސާ ކުރަން ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވީ ކުރީގައި އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. އަދި ނަންތައް ދިރާސާކުރި އޭރުގެ މަޖިލިސް ކޮމިޓީއަކީ އުސޫލުން ކަންކަން ކުރާ ކޮމިޓީއަކަށް ވާތީ އެ ކޮމިޝަންގެ މެންބަރުކަމަށް ގާބިލް ބޭފުޅުން ތިއްބެވީ މެންބަރުކަމަށް ކުރިމަތި ނުލައްވައި ކަމަށެވެ.
އެހެންކަމުން އެފަދަ ފަރާތްތަކަށް ފުރުދަތެއް ދިނުމުގެ ގޮތުން އަލުން މެންބަރުކަމަށް ފުރުސަތު ހުޅުވައިލެއްވުމަށް ރައީސަށް ލަފާ އެރުވުމަށް ހުށަހެޅުއްވީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެމިއަދުގެ ޖަލްސާއިން އެ ހުށަހެޅުން ފާސްކުރީ ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 66 މެންބަރުންގެ އިއްތިފާގުން ކަމަށެވެ.