އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދެމުން އަންނަ، 5،000 ރުފިޔާގެ އިނާޔަތް، 10،000 ރުފިޔާ އަށް ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ބޭރު ކޮށްލައިފިއެވެ.
ޕެންޝަނާބެހޭ ގާނޫނަށް ޖާބިރު ހުށަހެޅުއްވި މި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ބޭރުކޮށްލީ އެ ބިލް ބަލައިގަންނަން ފެނޭތޯ ނެގި ވޯޓުގައި، ބިލް ބަލައިގަންނަން އެއްވެސް މެންބަރަކު ވޯޓު ނުދީއެވެ.
މި ބިލަށް ވޯޓު ނެގިއިރު މަޖިލީހުގެ ޖަލްސާގައި ހާޒިރުވެ ވަޑައިގެން ތިއްބެވި 64 މެންބަރުންގެ ތެރެއިން 58 މެންބަރުން ބިލް ބަލައި ނުގަތުމަށް ވޯޓު ދެއްވިއެވެ.
އިސްލާހުގައި ޖާބިރު ވިދާޅުވެފައިވަނީ، މި މައްސަލަ ހުށަހެޅުމުގެ ބޭނުމަކީ، އާއިލާތައް ދަމަހައްޓައި، އުމުރުން ދުވަސްވީ މީހުންނަށް ގަދަރުވެރިކަމާއެކު މުޖުތަމައުގައި އުޅެވޭނެ ފުރުސަތު ހަމަޖެއްސުމަށް ކަމަށެވެ.
ޕެންޝަނާ ބެހޭ ގާނޫނަށް ޖާބިރު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ، އިސްރަށްވެހިންގެ ގޮތުގައި ތިއްބަވާ 65 އަހަރުން މަތީގެ މީހުންނަށް ދެވޭ އަސާސީ ޕެންޝަނުގެ އަދަދު 5000 ރުފިޔާއިން 10000 ރުފިޔާއަށް ބޮޑު ކުރުމަށެވެ.