ޚަބަރު

ރިސޯޓް މުވައްޒަފުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް މިމަހުގެ 29ގައި ފަށަނީ

ފަތޯނާ ފާއިޒު

ރިސޯޓް މުވައްޒަފުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް މިމަހުގެ 29 ވަނަ ދުވަހު އިފްތިތާހް ކުރާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ރިސޯޓް މުވައްޒަފުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތަކީ، އެ މުވައްޒަފުންގެ ވަރަށް ގިނަ ދުވަސްވީ އިންތިޒާރެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މިމަހުގެ 29 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި، ޓުއަރިޒަމް މިނިސްޓްރީގެ ވަރަށް ހާއްސަ ޖަލްސާއެއް އޮންނާނެ ކަމަށާއި، އެޖަލްސާގައި ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭންވެސް އިފްތިތާހް ކުރުން އޮންނާނެ ކަމަށެވެ.

" އަޅުގަނޑުމެން ކުރިންވެސް ދެންނެވިން މިހާރު އިފްތިތާހް ކޮށްފައިވާ ވޯޓަރ ސޭފްޓީ ޕްރޮގްރާމްގައި، ބޯޑުތައް ޖެހުމަކުން އެކަނި ނުފުދޭނެއޭ. 19 ރަށެއްގައި ބޯޑު ޖެހުމުގެ މަސައްކަތް ކުރިއަށް އެބަދޭ. މަހެއްހާ ދުވަހުގެ ތެރޭގައި އެ އެމަސައްކަތް ނިމޭނެ. ކުރިންވެސް ދެންނެވިން ބޯޑުތައް ޖެހުމަކުން އެކަނި ސޭފްޓީ ކަންތައްތައް ނުބެލެހެއްޓޭނެއޭ. އެހެންވެ ލައިފް ގާޑް ޕްރޮގްރާމްވެސް އިފްތިތާހް ކުރުން އެޖަލްސާގައި އޮންނާނެ." އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން، މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ޓުއަރިޒަމް މިނިސްޓްރީއިން ރާވާފައިވާ ޕްރޮގްރާމް އިފްތިތާހް ކުރުންވެސް އެރޭގެ ޖަލްސާގައި އޮންނާނެކަން މިނިސްޓަރ އަލީ ވަހީދު ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވަނީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވަން ސަރުކާރުން ރާވާފައިވާ އިތުރު ކަންތައްތަކުގެ މައުލޫމާތުވެސް ހިއްސާކުރައްވާފައެވެ. އެގޮތުން، އަންނަ މަހުގައި މެލޭޝިޔާގައި ބާއްވާ ވޯލްޑް ޓޫރިޒަމް ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވާނެ ކަމަށާއި، އެކޮންފަރެންސްގައި ރާއްޖެއަށް ފަތުރުވެރިކަމުގެ ސިނާއަތުން މީހުން ބިނާ ކުރުމުގެ މަސައްކަތުގައި އިތުރު ފުރުސަތުތައް ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، އެކޮންފަރެންސް މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަން އަވަށްޓެރި ގައުމުތަކާއި، އަދި ވާދަވެރި ގައުމުތަކާއި އެއް ހަމައެއްގައި ހިފަހައްޓާލުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ.

"އޭގެ އިތުރުން ރަޝިޔާގައި ސެޕްޓެމްބަރުމަހުގައި އޮންނަ ޔޫއެންޑަބްލިޔުޓީއޯގެ ޖެެނެރަލް އެސެމްބްލީގެ ބައްދަލުވުމުގަޔާއި، ޖަޕާނުގައި އޮކްޓޯބަރުމަހުގައި އޮންނަ ޓުއަރިޒަމް އެކްސްޕޯގައިވެސް ބައިވެރިވާނަން" މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

މިމަހުގެ 29 ވަނަ ދުވަހުގެ ރޭގައި ޓުއަރިޒަމް މިނިސްޓްރީން ބާއްވާ ހާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ކެބިނެޓްގެ މެމްބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރައްވާ އިސް ފަރާތްތައްވެސް އެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.