ސަރުކާރުގެ ހިޔާނާތް ފަޅާ އަރުވާލައި ހާމަކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމާ ބެހޭ ބިލް ރައްޔިތުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ (ވިސްލް ބްލޯކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ބިލު) ގެ ނަމުގައި ސަރުކާރު ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި މި ބިލަށް އާއްމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.
އެހެންކަމުން މިމަހުގެ 31 ވަނަ ދުވަހާ ހަމައަށް އާންމުންގެ ހިޔާލެއް ވާނަމަ، މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީ އަށް އީމެއިލުން ނޫނީ ލިޔުމުން ހުށަހެޅުމަށް އެދޭ ކަމަށްވެސް މަޖިލީހުގެ އިދާރާއިން ބުނެފައިވެއެވެ.
ބިލްގައިވާގޮތުން ގާނޫނީ ޒިންމާއެއް އަދާނުކުރުމާއި އިންސާނީ ހައްގަކާ ހިލާފު އަމަލެއް ހިންގުމާއި ބައިނަލްއަގުވާމީ އިންސާނިއްޔަތުކަމުގެ ގާނޫނަކާ ހިލާފު ކަމެއް ކުރުމާއި ކޮރަޕްޝަންގެ އަމަލެއް ހިންގުމާއި ދައުލަތުގެ މަގާމު ނަހަމަ ގޮތުގައި ބޭނުން ކުރާކަމަށް ވިސްލްބްލޯކުރާ މީހަކަށް ދައުލަތުން ރައްކާތެރިކަމާއި ހިމާޔަތް ދޭން ޖެހެއެވެ.