ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާޅޮސްމަޑުލު ދެކުނުބުރި ކަމަދޫ ކައުންސިލާ ބައްދަލުކުރައްވައިފި އެވެ.
މިއަދުގެ ހެނދުނު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ރަަށުގެ ތަރައްގީ އަށް ބޭނުންވާ ކަންކަމާއި އެކަމަށް ހުރި ދަތިތަށް އަދި ރައްޔިތުންގެ ކަންބޮޑުވުންތަށް ކައުންސިލުންވަނީ ނައިބު ރައީސް އާ ހިއްސާ ކުރައްވާފަ އެވެ.
އެގޮތުން ނަރުދަމާއާއި ބޯފެނުގެ ނިޒާމު ޤާއިމުވެފައި ނެތުމުން ހުރި ދަތިތަކާއި ޞިއްޙީދާއިރާގައި ހުރި ދަތި މައްސަލަތަކާއި ސްކޫލުގައި ރަނގަޅުކުރަންހުރި ކަންކަމުގެ މަޢުލޫމާތު ކައުންސިލުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ރަށުގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކުގެ ކަންބޮޑުވުންތަށްވެސް ހިއްސާކުރައްވާފައި ވެެއެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ޤާއިމުކުރުމަށް ވަކި އަމާޒެއް ކަނޑައަޅުއްވައިގެން މަސައްކަތްކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކޮށްދެއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.