ޝަހީދާ އަބްދުﷲ ސައީދު
އަންނަ މަހު ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
''ވަންއޮންލައިން'' އަށް މިއަދު މައުލޫމާތު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މިދިޔަ އަހަރު ބަޖެޓް ހުށަހެޅި އިރު ވެސް މިއަހަރު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅުއްވާނެކަން ހާމަކުރައްވާފައިވާނެ ކަމަށެވެ.
އެގޮތުން މިއަހަރު ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް އައިއިރު އަދި ވަކި އަދަދެއް ބަޖެޓުގައި ހިމަނާފައި ނުވާކަމަށް ވިދާޅުވިއެވެ.
''މިދިޔަ އަހަރު ބަޖެޓް ހުށަހެޅި އިރު ވެސް އަޅުގަނޑު ދެންނެވިން މިއަހަަރު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނެ ވާހަކަ. ބަޖެޓް އެކުލަވައިލުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ އަންނަ މަހުގެ ތެރޭގައި ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ހުށަހަޅާނަން.'' މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ބަޖެޓްގެ ދަތިކަން ކުރިމަތިވުމުން ސަރުކާރުން ހިންގާ މަޝްރޫއުތައް ހިންގުމަށް ވަރަށް ބޮޑަށް ދަތިވެފައިވާކަމަށެވެ.
އަދި މިހާރު ހުށަހަޅާފައިވާ ބަޖެޓަކީ ކުރީގެ ސަރުކާރުން ހުށަހެޅި ބަޖެޓެއްކަން ފާހަގަކުރައްވައި މިނިސްޓަރު އަމީރު ވިދާޅުވީ، ބައެއް މަޝްރޫއުތަކަށް ހުރީ ހަމައެކަނި އަދަދުތަކެއް ޖަހާފައި ކަމަށާއި އަދި އެއީ މަސައްކަތެއް ކުރެވޭނެ އަދަދެއް ނޫން ކަމަށެވެ.
އަންނަ އޮގަސްޓުމަހު ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ނިންމާފައިވާއިރު ބަޖެޓްގައި ދިމާވެފައިވާ މިފަދަ ދަތިތައް ހައްލުވެގެންދާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ، 30.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި، އެއީ ހަތަރު ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.