މާރާމާރީ

ފުވައްމުލަކުގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާ މާލެ ގެންނަނީ

ފުވައްމުލަކުގައި މިރޭ ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވި ޒުވާނާ މާލެ ގެނައުމަށް ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވި އުމުރުން 17 އަހަރުގެ އަހްމަދު އިނާން މާލެ ގެނައުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައެވެ.

އިނާންގެ ހާލު ސީރިއަސްވުމުގެ ސަބަބުން ފުވައްމުލަކު ހޮސްޕިޓަލުން އޭނާ މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ އޭނާގެ ބޮލުގެ ފަސް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި އޭނާގެ ބޮލުގެ ފަސް ތަނުން ކަށިގަނޑު ފަޅައިގެން ގޮސްފައި ހުރި ކަމަށެވެ. އޭގެ އިތުރުން އަތާއި ފައިގެ އެކި ތަންތަނަށް ވަޅި ހަރާފައިވާތީ ގިނަ އަދަދެއްގެ ލޭ ފައިބާފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.

ޒަހަމްވި ޒުވާނާ އޮތީ ވެންޓިލޭޓަރެއްގައި ކަމަށާއި ވީހާވެސް އަވަހަކަށް ނިއުރޯ ސާޖަންއެއްގެ އެހީ ހޯދައި ސީޓީ ސްކޭން ނޫނީ އެމްއާރްއައި ހަދަން ޖެހޭ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އެ ހޮސްޕިޓަލުން މައުލޫމާތު ދޭގޮތުގައި އޭނާގެ ސިކުނޑިއަށް އަސަރުކޮށްފައިވާ ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ 15 އަހަރުގެ ކުއްޖެއް ހައްޔަރުކޮށްފައެވެ.