ޚަބަރު

އިންޑިއާއިން ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފި

ފަތޯނާ ފާއިޒު

މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި ގައުމުތަކުގެ ލިސްޓުގެ ދެވަނައިގައި އިންޑިއާ ހިމެނިއްޖެއެވެ.

ޓުއަރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިސްޓްރީގެ ތަފާސް ހިސާބުތައް ހިއްސާ ކުރައްވަމުން، ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ނިސްބަތް ގާތްގަނޑަށް 100 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.

"ގާތްގަނޑަކަށް 100 އިންސައްތައިގެ ކުރިއެރުމެއް މިވަނީ ލިބިފައި. 99.9 އިންސައްތަ މިވަނީ އިތުރުވެފައި. މިއީ މިހާބޮޑަށް އިތުރުވި ފުރަތަމަ ފަހަރު" އަލީ ވަހީދު ވިދާޅުވިއެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ޖޫންމަހު ރާއްޖެއަށް 11345 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. އެއީ ކުރީ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 21 އިންސައްތަ އިތުރު އަދަދެކެވެ.

މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް، 862،589 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެއެވެ.

މިއީ 2018 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 18.7 އިންސައްތަ އިތުރު އަދަދެއް ކަމަށް ޓުއަރިޒަމް މިނިސްޓަ ވިދާޅުވިއެވެ.

"އެހެންވީމަ ގާތްގަނޑަކަށް 20 އިންސައްތަ އާއި ގާތްކުރާ ވަރުގެ ކުރިއެރުމެއް އަޅުގަނޑުމެންނަށް މި ސިނާއަތުގައި އެބަގެންގުޅެވޭ" މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ފަސް މާކެޓުގެ ތެރޭގައި އިންޑިޔާ ދެވަނައަށް އައިސްފައިވާއިރު، ޖޫންމަހުގެ ނިޔަލަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި ގައުމަކީ ޗައިނާއެވެ.

އެގައުމުން 140،265 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިޓަލީ ވިލާތުންނެވެ.

އެގައުމުން 75،376 ފަތުރުވެރިން އައިސްފައިވެއެވެ.

ޖަރުމަނުން 69،237 ފަތުރުވެރިން އައިސްފައިވާއިރު، އިނގެރޭސިވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 64،892އެވެ.

ޖޫންމަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއައި ފަތުރުވެރިންގެ ނިސްބަތް ވަނީ 16.3އަށް އިތުރުވެފައެވެ. އަދި އިޓަލީއިން އައި ފަތުރުވެރިންގެ ނިސްބަތް 33.7އަށް އިތުރުވެފައިވާއިރު، ޖަރުމަން ވިލާތުން އައި ފަތުރުވެރިންގެ އަދަދު ވަނީ 19.7އަށް އިތުރުވެފައެވެ.

މީގެ އިތުރުން، ފަސް ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމު ކަމަށްވާ އިނގެރޭސިވިލާތުން އައި ފަތުރުވެރިންގެ ނިސްބަތް ވަނީ 12.6އަށް އިތުރުވެފައެެވެ.