ޚަބަރު

ދައުލަތުން ބަލަހައްޓާ ފަރާތްތަކަށް، ކަންކަން ރަނގަޅުކުރުމާ ބެހޭގޮތުން ނައިބު ރައީސް މަޝްވަރާ ކުރައްވައިފި

އާނިފާ ހުސެއިން ސިރާޖް

ދައުލަތުން ބަލަހައްޓަމުން ގެންދާ ފަރާތްތަކުގެ ކަންކަން ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކާބެހޭގޮތުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި އެ ވުޒާރާގެ ދަށުން ހިނގާ ބައެއް މުއައްސަސާތަކުގެ އިސް ފަރާތްތަކާއެކު ނައިބު ރައީސް ފައިސަލް ނަސީމް، މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް އޮތީ އިއްޔެ ރައީސް އޮފީހުގަ އެވެ.

ވިލިމާލޭ ކުޑަކުދިންގެ ހިޔާ އާއި ހުޅުމާލޭ، ފިޔަވަތީގެ އިތުރުން ގުރައިދޫގެ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ބަލަހައްޓާ މަރުކަޒުގެ އިސްފަރާތްތައް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި އެ މަރުކަޒުތަކުގެ ކަންކަން މިހާރު ކުރިޔަށް ގެންދާގޮތާބެހޭ މައުލޫމާތު ނައިބު ރައީސް އޮޅުންފިލުއްވިއެވެ. އަދި އެ ތަންތަނުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް ދެވޭ ހިދުމަތްތަކާއި ކުރިއަށް ރޭވިފައިހުރި ކަންކަން އަދި އެ ކަންކަމަށް ހުރި ގޮންޖެހުންތަށް ވެސް އޮޅުންފިލުއްވި ވެއެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ދައުލަދުގެ ބެލުމުގެ ދަށުގައި ތިބި މީހުންނާއި ކުދިންގެ ކަންކަން ވީހާވެސް ރަނގަޅަކަށް ކުރިއަށް ގެން ދިއުމަށާއި ކުޑަކުދިންނަށް ތަމްރީނުތަކާއި ހުނަރުތަށް ދަސްކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރަށްރަށުގައި ތިބި ދާއިމީ ބަލިތަކަށް ބޭސް ކުރާ ފަރާތްތަކަށް ބޭނުންވާ ބޭސް، ލިބުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމާ ބެހޭގޮތުންވެސް މި ބައްދަލުވުމުގެ ބައިވެރިންނާ ނައިބު ރައީސް މަޝްވަރާކުރެއްވިއެވެ.