މާރާމާރީ

ފުވައްމުލަކުގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާގެ ހާލު ސީރިއަސް

ފުވައްމުލަކުގައި މިރޭ ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވި ޒުވާނާގެ ހާލު ސީރިއަސް ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެފިއެވެ.

ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވި އުމުރުން 17 އަހަރުގެ އަހްމަދު އިނާންއަށް ފަރުވާ ދިނުމަށް ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިރޭ 9:00 ހާއިރެވެ. ފުވައްމުލަކު ހޮސްޕިޓަލުން މައުލޫމާތު ދޭގޮތުގައި އޭނާގެ ހާލު ސީރިއަސްއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ބޮލުގެ ފަސް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި ބޮލުގެ ފަސް ތަނުން ކަށިގަނޑު ފަޅައިގެން ގޮސްފައި ހުރި ކަމަށެވެ. އޭގެ އިތުރުން އަތާއި ފައިގެ އެކި ތަންތަނަށް ވަޅި ހަރާފައިވާތީ ގިނަ އަދަދެއްގެ ލޭ ފައިބާފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.

ޒަހަމްވި ޒުވާނާ އޮތީ ވެންޓިލޭޓަރެއްގައި ކަމަށާއި ވީހާވެސް އަވަހަކަށް ނިއުރޯ ސާޖަންއެއްގެ އެހީ ހޯދައި ސީޓީ ސްކޭން ނޫނީ އެމްއާރްއައި ހަދަން ޖެހޭ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އެ ހޮސްޕިޓަލުން މައުލޫމާތު ދޭގޮތުގައި ސިކުނޑިއަށް އަސަރުކޮށްފައިވާ ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ފުލުހުން ބުނީ މިރޭ 8:50 ހާއިރު ފުވައްމުލަކު ގެއެއްގެ ތެރޭގައި ހުރި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ޒަހަމްވި މީހާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.