ޚަބަރު

ކޮންސްޓްރަކްޝަން ސައިޓުތަކުގައި ހިނގާ ހާދިސާތަކާބެހޭގޮތުން ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި

އިބްރާހިމް ޒަކީ

ކޮންސްޓްރަކްޝަން ސައިޓުތަކުގައި ހިނގާ ހާދިސާތަކުން، މީހުންނަށް އަނިޔާވަމުންދާ މައްސަލަ ވީ އެންމެ އަވަހަކަށް ހައްލު ކުރުމަށް އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަަށް، ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް މިއަދު ކުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރަން ނުފެންނަކަމަށް ކަނޑައަޅައި މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ޖާބިރު މި ކުއްލި މައްސަލަ ހުށަހެޅުއްވުމުން، މައްސަލައަށް ބަހުސް ކުރަން ފެނޭތޯ، މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ރައީސް ނަޝީދު ވޯޓަށް އެއްސެވިއެވެ.

މި ވޯޓުގައި، ޖަލްސާގައި ތިއްބެވި 60 މެންބަރުންގެ ތެރެއިން، މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 6 މެންބަރުންނެވެ. މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް ނިންމައި މައްސަލަ ބޭރު ކޮށްލުމަށް 52 މެންބަރުން ވޯޓު ދެއްވިއެވެ.

މި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ފާސްކުރަން ބޭނުންވަނީ 30 ވޯޓެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު އާބާދީ އުޅެނީ މާލޭގައި ކަމަށްވެފައި، މާލޭގައި އުސް އިމާރާތްތައް ހެދުމުގެ މަސައްކަތްކުރާ ކޮންޓްރަކްޝަން ސައިޓުތަކުގެ ސަލާމީ ކަންކަމަށް ފަރުވާ ކުޑަ ކުރުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އަޅައި އަވަސް ހައްލެއް ގެއްކުމަށްވެސް ޖާބުރު ވަނީ އެދި ވަޑައިގެންފައެވެ.

ޖާބިރުގެ ކުއްލި މައްސަލައިގައި އެފަދަ ހާދިސާތަކުގައި އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއްވެސް ލިބިފައިވާކަން ފާހަގަކޮށް، އެފަދަ މައްސަލަތައް ވީ އެންމެ އަވަހަކަށް ހައްލު ކުރުމަށް، މަޖިލިސް މެންބަރުން އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނުމަށް ބާރު އެޅުމަށް ވަނީ ހިމަނައިފައެވެ.