އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގައި ދޮގު މައުލޫމާތު ދޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް ޝަރީއަތް ކުރަން ފޮނުވަން ނިންމީ ބަޔަކަށް އުގޫބާތްދޭން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ދޮގު މައުލޫމާތު ދިން މައްސަލަ ތަހުގީގު ކުރަން ފުލުހުންގެ އިދާރާއަށް އިއްޔެ ވަނީ ފޮނުވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ ކޮމިޓީތަކަށް އެކި މުއައްސަސާތަކުން ވަޑައިގަންނަވާ ބޭފުޅުން ތެދު ބަހުން ވާހަކަ ނުދައްކާ މައްސަލަ ތަހުގީގުކޮށް އެފަދަ ފަރާތްތަކަށް ދއުވާ ކުރަން ފުލުހުންނަށް ފޮނުވަން ނިންމެވީ، މީހަކަށް އުގޫބާތެއް ދިނުމަށް ނޫން ކަމަށްވެ. އަދި އެއީ މީހެއްގެ މައްޗަށް ތަހުގީގެ ހިންގުން ނޫން ކަމަށައި އެކަމުގެ އަމާޒަކީ މަޖިލީހުގައި ތެދުބަހުން ވާހަކަ ދެއްކުމަށް ބާރުއެޅުންވުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯގެ މައްސަލައާ ބެހޭގޮތުން ރައީސް ނަޝީދު ވިދާޅުވީ، ބީއެމްއެލްގެ އޮފިޝަލް މަޖިލީހުގެ ކޮމިޓީއެއްގައި ތެދު ބަހުން ވާހަކަ ދެއްކެވިކަމަށް ދެކެވަޑައިނުގެން، އެމައްސަލަ ތަހުގީގަށް ފޮނުވިތަނުން، އެ އޮފިޝަލް މަޖިލީހަށް ސީޓިއެއް ފޮނުއްވާފައިވާ ކަމަށެވެ.
އެ އޮފިޝަލް މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދެއްކެވީ، ކޮމިޓީއަށް ވަޑައިގެންނެވިއިރު، ލިބިވަޑައިގެންހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށްކަމަށް ސިޓީގައި ވިދާޅުވެފައިވާ ކަމަށެވެ.
ނަމަވެސް އޭގެ ފަހުން ސޯޝަލް މީޑިޔާގައި ދައުރުވި އެކަމާ ގުޅުންހުރި ޗެކްތައް، ބޭންކާއި އޮފިޝަލަށް ފެނިވަޑައިގެންފައިވާ ކަމަށާއި، އެ ޗެކްތައް މުތާލިއާ ކުރުމަށްފަހު އޭގެ ސައްހަ މައުލުމާތު މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާނެ ކަމަށް އޮފިޝަލްގެ ސިޓީގައި ވިދާޅުވެފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ،
"އެހެންވީމާ އަޅުގަނޑު ދެކެނީ ބޭންކުގެ އޮފިޝަލް މިހާރު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މަސައްކަތަށް، މާލިއްޔަތު ކޮމިޓީ އެދޭގޮތަށް އެއްބާރުލުން ދެއްވަމުން ގެންދަވާނެ ކަމަށް، ސާފުބަހުން ވިދާޅުވެ ތެދުބަހުން ވާހަކަދައްކަވާނެ ކަމަށް ސިޓީން ސާފުވޭ،" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ބޭންކުގެ އޮފިޝަލްގެ އެ ސިޓީއާ ގުޅިގެން މާލިއްޔަތު ކޮމިޓީގެ މުގައްރިރާ ވާހަކަ ދެއްކެވުމަށްފަހު، ބީއެމްއެލް އޮފިޝަލާ ބެހޭގޮތުން މަޖިލީހުން ފުލުހުންނަށް ހުށަހެޅި މައްސަލައާމެދު އަލުން ވިސްނެވުމަށް ނިންމަވާފައިވާ ކަމަށެވެ.