މިނިވަންދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަދި އަނބިކަނބަލުން ފަޒްނާ އަހުމަދު ބުރާސްފަތި ދުވަހުގެރޭ ރަސްމީ ބައްދަލުކުރެއްވުމެއް ބާއްވަން ހަމަޖައްސައިފި އެވެ.
ޖުލައި 25 ވާ ބުރާސްފަތި ދުވަހުގެރޭ މި ބައްދަލުވުން އޮންނާނީ ދަރުބާރުގޭގައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. މި ބައްދަލުވުމަށް ދައުލަތުގެ ތަފާތު ދާއިރާތަކުން ގިނަ އަދަދެއްގެ ބޭފުޅުންނަށް ދައުވަތު އަރުވާގޮތަށް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އަދި މި ބައްދަލުވުމަށް ދައުވަތު އަރުވާ ބޭފުޅުންނަށް މިހާރު ދައުވަތު ކާޑު ފޮނުވަން ރައީސް އޮފީހުން ފަށްޓަވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
މިއަހަރު ރާއްޖެއިން ފާހަގަކުރާނީ ރާއްޖޭގެ 54 ވަނަ މިނިވަން ދުވަހެވެ. ރާއްޖެ އިނގިރޭސިވިލާތުގެ ހިމާޔަތުން މިނިވަންކަން ހޯދާފައިވަނީ 26 ޖުލައި 1965 ގައެވެ.