މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް ކަމާބެހޭ އިދާރާތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މާލެ ސިޓީކައުންސިލްގެ މެންބަރުންނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީގެ ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
މިއަދު ހެނދުނު ބޭއްވި މި ބައްދަލުވުމުގައި މަގުމަތީގެ ރައްކާތެރިކަން ބަލަހައްޓާ ފަރާތްތަކުން ވަނީ މަގުތަކުގެ އަމާންކަމަށާއި މަގު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަޔަށްޓަކައި ކުރިޔަށް ގެންދިޔުމަށް ރާވަާފައިވާ ކަންތައްތަކާއި އެކަންތަކަށް ހުރި ގޮންޖެހުންތައް ނައިބު ރައީސާ ހިއްސާކުރައްވައިފަ އެވެ. އެގޮތުން މި ޕްރޮގްރާމްތައް ކުރިޔަށްދާ މިންވަރު އޮޅުންފިލުއްވައި، ލަސްވަމުންދާ ކަންކަން އަވަސްކުރެވޭނެ ގޮތަކީ ކޮބައިތޯ ބެއްލެވުމަށް ނައިބު ރައީސް އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ގާއިމުކުރުމަށްޓަކައި މިހާރު ކުރަމުން އަންނަ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ފެންނަ މިދަނޑިވަޅުގައި ހުރިހާ އެންމެން ގުޅިގެން އާ ހިތްވަރަކާއެކު މި މަސައްކަތް ކުރިޔަށްގެންދެވުމަށް އެދިވަޑައިގެންނެވި އެވެ.