ޚަބަރު

މިއަހަރު ހައްޖަށް ފުރާ މީހުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

އާނިފާ ހުސެއިން ސިރާޖް

މިއަހަރު ހައްޖަށް ފުރާ މީހުންނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްދަލުކުރައްވައިފިއެވެ.

އެމަނިކުފާނު ވަނީ ހައްޖުގެ އަޅުކަމަށް މިއަދު ހެނދުނު ފުރި 84 ހައްޖާޖީންނާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބައްދަލުކުރައްވައި އެބޭފުޅުންގެ ހާލު ބައްލަވާލައްވައިފައެވެ.

ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ހައްޖާޖީންނަށް ދަތުރުމަތީގައި ދިމާވެދާނެ އެންމެހައި ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން އެމީހުންގެ ކަންކަން ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެ ކަމުގައެވެ.

މިއަހަރު ހައްޖުވެރިން ހައްޖަށް ފުރަން މިއަދު ފަށާފައިވާ އިރު، އަންނަމަހު ފަހެއްގެ ނިޔަލަށް ހައްޖުވެރިން ފުރުމަށް ޝެޑިއުލް ކޮށްފައިވެއެވެ. މިއަދު ހައްޖަށް ފުރަނީ ޒައީމާ ގްރޫޕުން ހައްޖަށް ދާ 84 ހައްޖުވެރިންނެވެ.

ހައްޖަށްދާ ފުރަތަމަ ގްރޫޕު ފުރާފައިވަނީ މިއަދުގެ ހެނދުނެވެ.