މިނިވަން ދުވަހުގެ ފުޅަނދުބުރު މިއަހަރު އޮންނާނެ ކަމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ބުނެފި އެވެ.
މިއަހަރު ފުޅަނދުބުރު ނެރުމަށް ހޯމް މިނިސްޓްރީ އިން ނިންމާފައި މިވަނީ ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހުއެވެ. އެގޮތުން މިމަހު 27 ވާ ހޮނިހިރު ދުވަހު މާލޭގެ ބޮޑެތި މަގުތަކުގައި ފުޅަނދުބުރު އޮންނާނެއެވެ. އޭގެ ތެރޭގައި މާޖީދީ މަގު، ސޯސަން މަގު، އަމީރު އަހުމަދު މަގު އަދި ބޮޑުތަކުރުފާނު މަގު ހިމެނެއެވެ.
އެހެން ފަހަރުތަކެކޭވެސް އެއްފަދައިން ފުޅަނދުބުރަށް ފަހު ފުޅަނދުތައް އާންމުކޮށް ދައްކާލުމަށްވެސް ވަނީ ހަމަޖައްސައިފައެވެ. އެގޮތުން މިމަހު 28 ވާ އާދިއްތަ ދުވަހުގެ ހަވީރު އަދި ރޭގަނޑު މާލެ އިންޑަސްޓްރިއަލް ޒޯނުގައި ފުޅަނދުތައް ދައްކާލުމަށް ހަމަޖައްސާފައިވާ ކަމަށް ހޯމް މިނިސްޓްރީ އިން މައުލޫމާތު ދެއެވެ. ހަވީރު އަދި ރޭގަނޑު ފުޅަނދުތައް ދައްކާލުމަށް ހަމަޖައްސާފައިވަނީ ފުޅަނދުތަކުގައި ކުރިއަށްގެންދާ ކުޅިވަރު ތަކާއެކުއެވެ. މިއަހަރު ފުޅަނދުތައް ތައްޔާރު ކުރަނީ ސަރުކާރުގެ ކުންފުނިތަކުންނެވެ.
މިއަހަރުވެސް މިނިވަން ދުވަހުގެ ކުޅިވަރުތަކުގެ ތެރޭ ހިމެނޭ ހެވިކަމާއި ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސައިފައެވެ. އެގޮތުން ޖުލައި 26ގައި މިނިވަން ދުވަހުގެ ކުޅިވަރުތައް ރަސްމީ ސްޓޭޑިއަމްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސައިފައެވެ. މިނިވަން ދުވަހުގެ ކުޅިވަރުތައް ހުށަހެޅުމަށް ހަމަޖައްސާފައިވަނީ އެމްއެންޑީއެފްގެ އިތުރުން ވިލިމާލެ، މާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަށް ހަ ސްލޫކަލުންނެވެ. އެއީ ފަލާހު ޕްރީ ސްކޫލް، ދަރުމަވަންތަ ސްކޫލް، މުހްޔިއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، ރެހެންދި ސްކޫލް، އަދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް އެވެ.
މިމަހު 27 ވާ އަންނަ ހޮނިހިރު ދުވަހު މިނިވަން ދުވަހުގެ ފުޅަނދުބުރުގެ އިތުރުން މާލޭ މަގުތަކުގައި މިނިވަން ދުވަހުގެ މުނާސަބާގައި ބާއްވާ ޕެރޭޑާއި ރޫޓް މާޗް ކުރިއަށް ގެންދާނެ ކަމަށް ހޯމް މިނިސްޓްރީ އިން މައުލޫމާތު ދެއެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި މިނިވަން ދުވަހުގެ ޕެރޭޑާއި ރޫޓްމާޗްގައި އެމްއެންޑީއެފްގެ ޕެރޭޑުގެ އިތުރުން ސްކޫލްތަކުގެ ދަރިވަރުން ބައިވެރިވާނެއެވެ.