ޚަބަރު

ރައީސް ޔާމީންގެ ޝަރީއަތް ލައިވްކުރަނީ، ފައިސާއާ ގުޅުންހުރި، ރައްޔިތުން ކަންބޮޑުވުން އޮތް މައްސަލައަކަށްވާތީ

އިބްރާހިމް ޒަކީ

ކުރީގެ ރައީސް އަބުުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލި ދައުވާގެ ޝަރީއަތް މާދަމާ ލައިވްކުރަން ނިންމީ އެ މައްސަަލައަކީ ދައުލަތުގެ ފައިސާއާ ގުޅުންހުރި އަދި އާއްމު ރައްޔިތުންގެ ކަންބޮޑުވުން ނުހަނު ބޮޑަށް އޮތް މައްސަލައަކަށް ވާތީ ކަމުގައި ކުރިމިނަލް ކޯޓުން ބުނެފިއެވެ.

މާދަމާގެ ޝަރީއަތް ލައިވްކުރުމަށް ހަމަޖެހިފައިވާކަން ހާމަކޮށް، ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާދަަމާ 11:30 އަށް ތާވަލް ކޮށްފައިވާ ޝަރީއަތް ލައިވް ކުރަން ނިންމީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ މަގުސަދު ވެސް ހާސިލް ކުރެވޭކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ.

ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، ގާއިމް ކޮށްފައިވާ މިނިވަން އަދި މުސްތަގިއްލު ކޯޓެއްގައި، ނުވަތަ ޓްރައި ބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭ ގައި، އާއްމުކޮށް ހުޅުވާލައިގެން ބާއްވާ، އަޑުއެހުމެއްގައި އިންސާފުން ޝަރީއަތް ކުރުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ.

ކުރިިނަލް ކޯޓުން ބުނީ، އެ މައްސަލައިގެ އަޑުއެހުންތައް، ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ މީޑިއާ ތަކުގެ ތެރެއިން ލައިވްކޮށް ބްރޯޑްކާސްޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް، ޝަރީއަތުުގެ މަޖިލީހުގައި ޖާގަ އޮތް މިންވަރަކުން ލައިވްކޮށް، ބްރޯޑްކާސްޓް ކުރުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މޯލްޑިވްސް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އިން ބުނީ މާދަމާ އޮންނަ ޝަރީއަތުގެ މަޖިލިސް ލައިފް ކުރުމަށް ހަމަޖެހިފައިވަނީ ޕީއެސްއެމްއިން ކަމަށެވެ.