ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މޮރިޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، އައިއޯއައިޖީ ގެ ބައެއް ކުޅިވަރުތައް ބައްލަވާލައްވައިފިއެވެ.
މޮރިޝަސްއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސްގެ ދެކަނބަލުން މިއަދު ބައްލަވާލައްވާފައިވަނީ އައިއޯއައިޖީގައި ދިވެހި ޓީމުތަކުން ބައިވެރިވި ބައެއް ކުޅިވަރުތަކެވެ.
ދިވެހި ޓީމް ތަކަށް އިތުރަށް ހިތްވަރު ދެއްވުމުގެ ގޮތުން ރައީސްގެ ދެކަނބަލުން، މިއަދު ރާއްޖެ ޓީމު ކުޅުނު ވޮލީ އަދި ޓޭބަލް ޓެނިސް މެޗުތައް ބައްލަވާލައްވައި ކުޅުންތެރިންނަށް ހިތްވަރު ދެއްވިއެވެ.
އައިއޯއައިޖީގައި މިއަދު ކުރިއަށްދިޔަ ފިރިހެނުންގެ ބީޗް ވޮލީ މެޗްގައި ރާއްޖެއާ ބައްދަލުކޮށްފައިވަނީ ރީ ޔޫނިއަން އައިލެންޑްގެ ޓީމެވެ.
މިމެޗު ކާމިޔާބުކޮށްފައިވަނީ ރީޔޫނިއަން އައިލެންޑް އިންނެވެ. ވޮލީގެ އިތުރުން މިއަދު ކުރިއަށް ދިޔަ ރާއްޖެ އާއި މޮރިޝަސް ވާދަ ކުރި އަންހެނުންގެ ޓޭބަލް ޓެނިސް މެޗު ވެސް ބައްލަވާލެއްވިއެވެ.
މި މެޗު ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް ޓީމު ވަނީ ކާމިޔާބު ކޮށްފައެވެ.