ޚަބަރު

ޖަލުގައި ހުރި ނަޝީދުގެ ތަކެތި އާއިލާއާ ހަވާލުކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

މާފުށީ ޖަލުގައި ހުރި ކުރީގެ ރައީސް މުހައްމަދުގެ ތަކެތި އާއިލާއާ ހަވާލުކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަރަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ، މައުލޫމާތު ލިބޭގޮތް ވަނީ ނުވެފައެވެ. އެނގިފައިވާ ގޮތުގައި ޖަލުގައި ހުރި ނަޝީދުގެ ތަކެތި އާއިލާއާއި ހަވާލުކުރީ މިއަދުގެ ވަގުތެއްގައެވެ.

ނަޝީދުގެ މައްޗަށް އިއްވި ތޭރަ އަހަރުގެ ޖަލު ހުކުމާއެކު އެންމެ ފަހުން ނަޝީދު ހުންނެވީ މާފުށީ ޖަލުގައެވެ. މާފުށީ ޖަލުގައި ދިހަ މަސްދުވަސް ހޭދަކުރެއްވުމަށްފަހު ނަޝީދު ވަނީ ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތަށް ވަޑައިގެން އެގައުމުގެ ހިމާޔަތް ހޯއްދަވާފައެވެ.

އަދި ނަޝީދު ޖަލުގައި ބޭނުންކުރެއްވި ތަކެތި މިއަދު އާއިލާއާ ހަވާލުކުރި އިރު، މާދަމާ މެންދުރު ފަހުގެ ވަގުތެއްގައި ނަޝީދު ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް އެމްޑީޕީން ބުނެފައިވާއިރު، ސުޕްރީމް ކޯޓުން ވަނީ ނަޝީދުއާ މެދު އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް ވަގުތީ އަމުރެއް ވެސް ނެރެފައެވެ.