ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް މާދަމާ ބާއްވާއިރު އެ ޝަރީއަތް ޓީވީން ލައިވްކޮށް ދެއްކުމަށް ނިންމާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިރޭ ބުނެފި އެވެ.
ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ ޝަރީއަތް މާދަމާއަށް ތާވަލް ކޮށްފައިވަނީ 11:30 އަށެވެ.
''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގެ ތަރުޖަމާނު ފައިސަލް އާދަމް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް ލައިވް ކުރުމަށް ހަމަޖެހިފައި ވަނީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ކަމަށެވެ. އަދި އެހެން ޗެނަލްތަކަށް ޕީއެސްއެމް އިން ލައިވް ފީޑް ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ މިއީ ކޯޓު ތެރޭގައި ޖާގައިގެ ދަތިކަން ހުރިގޮތުގެ ސަބަބުން ނިންމި ނިންމުމެއް ކަމަށާއި، ކޯޓު ތެރެއަށް ވެއްދޭނީ ހަމައެކަނި ދައުލަތުގެ މީޑިއާގެ ކެމެރާ ކަމަށެވެ.
މީގެ އިތުރުން ޖާގަ ހުރި މިންވަރަކުން، ޝަރީއަތުގެ މަޖިލީހަށް ވަނުމުގެ ފުރުސަތު ނޫސްވެރިންނަށް ދޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
މާދަމާގެ ޝަރީއަތް ލައިވް ކުރުމަށް ހަމަޖެހިފައި ވީނަމަވެސް އިތުރު އަޑުއެހުންތައް ލައިވް ކުރަން ނިންމާނީ ޝަރީއަތް ކުރައްވާ ގާޒީކަމަށް ފައިސަލް ވިދާޅުވިއެވެ.
ޝަރީއަތްތައް ލައިވް ކުރުމުގެ ފުރުސަތު ޖިނާއީ އިޖުރާއަތުގެ ދަށުން ލިބެއެވެ.
މިހާރު ކްރިމިނަލް ކޯޓުން ބަލަމުން އަންނަނީ ރައީސް ޔާމީންގެ މައްޗައް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ އިބްތިދާއީ އަޑުއެހުންތަކެވެ.
އެންމެ ފަހުން މިދިޔަ އޭޕްރީލް މަހުގެ 25 ގައި މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވާއިރު، ދައުލަތުގެ ފަރާތުން ދައުވާ ސާބިތުކުރުމަށް ރައީސް ޔާމީނާ ދެކޮޅަށް ވަނީ ހެކިން ހުށަހަޅައިފައެވެ.