އިބްރާހިމް ޒަކީ
ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަންކުރާ ވަކީލަކު ކަނޑައެޅުމަށް ބާއްވާ އިންތިހާބު އޮބްޒާވް ކުރުމަށާއި މޮނިޓާ ކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ މި އިންތިހާބުގައި ވޯޓުނެގުމާއި ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށާއި، މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މާދަމާ ހެނދުނު 9:00 ން ފެށިގެން ޖުލައި 23 ވާ އަންގާރަ ދުވަހުގެ 2:00 އާ ހަމައަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެހެންކަމުން މި އިންތިހާބުގެ އޮބްޒާވަރުންގެ ގޮތުގަ އާއި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ލިސްޓެއް، ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް، އަދި އައިޑީކާޑު ނަންބަރާއި ތަމްސީލުކުރާ ފަރާތް ހިމެނޭގޮތަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.
ލިސްޓު ހުށަހަޅާނީ އިންތިހާބުގެ ކަންތައްތައް ބެލެހެއްޓުމަށް ޤާއިމުކޮށްފައިވާ މަރުކަޒު (ބައު ޖަމާލުއްދީން، ނިކަގަސްމަގު، މާލެ) ގެ ރިޝެޕްޝަނަށެވެ.
ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 ން ފެށިގެން މެންދުރު 2:00 އަށް ފޯމު ބަލައިގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.
ބާ ކައުންސިލުގެ ވަކީލުންގެ ފަރާތުން ޖޭއެސްސީއަށް މެންބަރު ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލާން އެ ކައުންސިލުން މިހާރު ވަނީ ހުޅުވާލާފައެވެ.