އިބްރާހިމް ޒަކީ
އާއްމު ރައްޔިތުންގެ އަތުން ފައިސާ ނަގައިގެން ގެދޮރު އިމާރާތް ކުރުމުގެ ހުއްދަ ސަރުކާރުން އެއްވެސް ކުންފުންޏަކަށް ދޭންވާނީ އެކަށީގެންވާ ޑިޕޮސިޓް ފައިސާ އާއި ގާނޫނީގޮތުން ބަނދެވޭ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
އާއްމުންގެ އަތުން ޕްލެޓް އިމާރާތް ކުރުމަށް ފައިސާ ނެގުމަށްފަހު، ފައިސާވެސް ނުދީ، ފްލެޓްވެސް ނުދިނުގެ ސަބަބުން ސަރުކާރުން ބަދަލު ދިނުމުގެ މައްސަލަތައް އިރުފުވެފައިވާތީ، އެކަން ފާހަގަކޮށް މިއަދު ކުރެއްވި ޓްވީޓެއްގައި އަލީ ހުސެއިން ވިދާޅުވީ، އެކަމުގައި ގާނޫނީގޮތުން ބަނދެވޭނެ އެއްބަސް ވުމެއް ވަރަށް މުހިއްމު ކަމަށެވެ.
ފްލެޓް އެޅުމަށް ކަމަށްބުނެ އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު، ފައިސާވެސް، ފްލެޓްވެސް ނުދިނުމުގެ ސަބަބުން ސަރުކާރުން ބަދަލުދޭންޖެހޭ ދެ ޕްރޮޖެކްޓެއް މިހިާރުވެސް ވަނީ ފެންމަތިވެ އެތައް ދުވަހެއްފައެވެ.
އޭގެ ތެރެއިން އެއް ޕްރޮޖެކްޓަކީ މީގެ ދިހަ އަހަރު ކުރިން ގުޅީފަޅުގައި ފެށި، މީހުން އާބާދު ކުރުގެ ޕްރޮޖެކްޓެކެވެ.
އެ ޕްރޮޖެކްޓުން ގުޅީފަޅުން 184 ފްލެޓު ގަތުމަށް 158 އާއިލާއަކުން ފައިސާ ދެއްކި އެވެ. ނަމަވެސް އެ ފަރާތްތަކަށް ފްލެޓް ލިބިފައެއްނުވެއެވެ.
އެ މައްސަލައިގައި ސަރުކާރުތަކުން އަންނަނީ އެ ފަރާތްތަކަށް ބަދަލު ދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި މާލޭން ދޫކުރި ފްލެޓްތަކުން ބައެއް މީހުންނަށް ފްލެޓް ދިން ނަމަވެސް އަދިވެސް ގިނަ ބަަކު ތިބީ ބޯހިޔާވަހިކަމެއް ނެތިފައެވެ.
އެންމެ ފަހުން ގުޅީފަޅުން ފްލެޓް ނުބުލިބި މިހާރުތިބި 142 މީހުންނަށް ބަދަލުގެ ގޮތުގައި ބޯހިޔާވަހިކަން ދެއްވާނެ ކަމަށް ވިދާޅުވީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
މިމަހު ހަތަރުވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނިއުސްކޮންފަރެންސެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ގުޅީފަޅުން ފްލެޓް ގަތުމަށް ފައިސާ ދައްކައި މިހާތަނަށް ބޯހިޔާވަހިކަން ނުލިބި ތިބި މީހުންނަށް ހޯއްދެވި ހައްލަކީ ހުޅުމާލޭން ފްލެޓް ކަމަށެވެ. އެގޮތުން މިސަރުކާރުން އަޅާ 4،000 ފްލެޓުގެ ތެރެއިން ފުރަތަމަ ބުރުގައި އެ އާއިލާތަކަށް ފްލެޓް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ގުޅި ފަޅުން ބޯހިޔާވަހިކަން ނުލިބުނު ފަރާތްތަކަށް ފްލެޓް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއިރު ސީލައިފުން ހުޅުމާލޭގައި، 3،000 ފްލެޓް އަޅަން ހަވާލު ކުރި ޕްރޮޖެކްޓަށް ފައިސާ ނެގި މީހުންނަށްވެސް މިވަނީ ބަދަލުދޭން ޖެހިފައެވެ.
ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސަރުކާރުން ސީލައިފްއާ ހަވާލުކުރީ 2014 ވަނަ އަހަރުގެ ތެރޭގައެވެ.
މި ފުލެޓްތައް ވިއްކުމަށް ސީލައިފްއިން ވަނީ ގިނަ ބައެއްގެ އަތުން އެޑްވާންސަށް ފައިސާ ނަގައިފައެވެ. ނަމަވެސް އެތައް އަހަރެއް ވީ އިރުވެސް އެ ފުލެޓްތައް ނޭޅި ފްލެޓް ވެސް ފައިސާވެސް އެފަރާތްތަކަށް ވަނީ ނުލިބިއެވެ.
އެ މައްސަލައިގައި ފްލެޓް ނުލިބުނު މީހުންނަށް ބަދަލުދޭން މިހާރު ވަނީ އަންގައިފައެވެ.