ޚަބަރު

ހާލުގައި ޖެހުނު ލަންކާގެ 20 މަސްބޯޓު ރާއްޖެ އައުމަށް ލަންކާ ސަރުކާރުން ހުއްދަދީފި

މުހައްމަދު އައުޒަމް

ވިއްސާރާގައި ހާލުގައި ޖެހުނު ލަންކާގެ 20 މަސްބޯޓުން ރާއްޖޭގެ އެހީތެރިކަން ހޯދުމަށް، ރާއްޖެ އައުމަށް ލައްކާ ސަރުކާރުން އެ ބޯޓުތަކަށް ހުއްދަދީފިއެވެ.

ބައިނަލްއަގުވާމީ ކަނޑުތަކުގައި މަސްވެރިކަން ކުރަމުންދާ ލަންކާގެ 20 މަސްބޯޓަކަށް ރާއްޖެ އައުމަށް ހުއްދަދީފައި މިވަނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑު ގަދަވެ ހާލުގައި ޖެހުމުގެ ސަބަބުންނެވެ.

ލަންކާގެ މީޑިއާއިން ބުނެފައިވަނީ، އެގައުމުގެ ފިޝަރީޒް އެންޑް އެކުއަޓިކް ރިސޯސަސް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ ޑިލިޕް ވެޑާރައްޗި، މަސްވެރިންގެ ރައްކާތެރިކަމަށް ހަމަޖައްސަން ޖެހޭ ހުރިހާ ކަމެއް ހަމަޖެއްސުމަށް ލަންކާގެ ފިޝަރީސް ޑިޕާޓްމަންޓަށް އަންގާފައިވާ ކަމަށެވެ.

އެގޮތުން ލަންކާގެ 20 މަސްބޯޓު ރާއްޖޭއަށް ދިއުމަށް ވަނީ ހުއްދަ ދީފައެވެ.

މި ކަމުގައި އިންޑިއާ ސަރުކާރުގެ ހުއްދައަށް ލަންކާގެ ސަރުކާރުން އެދިފައިވާ ކަމަށްވެސް މީޑިއާތަކުން ބުނެފައިވެއެވެ.

މޫސުން ގޯސްވެ ހާލުގައި ޖެހިފައިވަނީ ލަންކާގެ ޗިލަވޯ އިން ފުރި 14 މަސް ބޯޓަކާއި ވެނައްޕުވާ އިން ފުރި 6 ބޯޓު ކަމަށް މައުލޫމާތުލިބެއެވެ.

ލަންކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ މޫސުން ގޯސްވެފައިވާތީ މަސްވެރިން މަހަށް ނުފުރުމަށް އެދިފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުނުކުރެވިގެން އެހީތެރިކަމަށް އެދުނު ސްރީލަންކާގެ ހަތް މަސް ބޯޓަކަށް ދިވެހި ރާއްޖޭގެއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ވަނީ ބުނެފައެވެ.

ނަމަވެސް އިތުރު ބޯޓުތަކެއްގެ ވާހައެއް އެމްއެންޑީއެފުން ބުނެފައެއްނުވެއެވެ.