ޚަބަރު

ގަމު ފްލައިން ސްކޫލުން ދިވެހިންނާ ދޭތެރޭ ތަފާތުކުރުންތައް ގެންގުޅޭ މައްސަލަ ބަލަންޖެހޭ: ރޮޒެއިނާ

1

ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އޭރޮނޯޓިކްސް (އޭއޭއޭ) އިން އައްޑޫސިޓީ ގަމުގައި ހިންގާ ފްލައިން ސްކޫލުން ދިވެހިންނާ ދޭތެރޭ ތަފާތުކުރުންތައް ގެންގުޅޭކަމަށް ބުނާ މައްސަލައަކީ ބަލަންޖެހޭ މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ގަމުގައި ހިންގާ ފްލައިން ސްކޫލް އަންނަ އަހަރު ބަންދު ކުރާތީ، ގަމުގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން ކޮށްފައިވާ އިއުލާނާ ގުޅިގެން، މިއަދު ކުރެއްވި ޓްވީޓެއްގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ވެސް މުގައްރިއު ވިދާޅުވީ، މިހާރު އޮތް ފްލައިން ސްކޫލަށްވުރެން އިންސާފުވެރިކޮށް ދިވެހިންނާދޭތެރޭ އަމަލު ކުރާނެ ފްލައިން ސްކޫލެއް ލިބޭނެ ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ، މިހާރުގެ ފަލައިން ސްކޫލުން ދިވެހިންނާ ދޭތެރޭ ގެންގުޅޭ ތަފާތުކުރުންތަކުގެ ވާހަކަ އަޑުއިވިވަޑައިގެންނެވުމުން ވަރަށް ކަންބޮޑުވެވަޑައިގެންނެވި ކަމަށާއި، އެއީ ބަލަންޖެހޭ މައްސަލައެއް ކަމަށެވެ.

އައްޑޫގައި ހުންނަ ފްލައިން ސްކޫލް ބަންދު ކުރާތީ ގަމުގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) އިން ވަނީ އިއުލާންކޮށްފައެވެ.

އޭއައިއޭގެ އިއުލާނުގައި ބުނެފައިވަނީ ގަމުގައި ފްލައިން ސްކޫލެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އަންނަ އޯގަސްޓް މަހުގެ ހަތަރަކާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟