(16 ޖުލައިގެ އަދަދާ ގުޅޭ)
އަހަރެން ނަންގަނެވިދިޔަ ޢަޤުދުނާމާ ޤަބޫލުކޮށް އެގޮތަށް އުޅެވޭތޯ إنشاء اللّـه މިންނަތް ކުރާނެއްކަމުގެ ޢަހުދުކުރަމެވެ.
ފިރިޔާ: އަނބިމީހާ:
ވަލޮތްވެރިޔާ: ވަލޮތްވެރިޔާ:
ހެކިވެރީން: 1.
2.
ނަންގަނެވިދިޔަ މީހުން މިކަރުދާހުގައި ސަހީކުރީ އަހަރެންގެ ކުރިމައްތިއެވެ.
ޚަޠީބު
ކާވެނީގެ ކަންތައް މިހިސާބަށް ދާއިރު ފިރިހެންކުއްޖާގެ ފަރާތުން އަންހެންކުއްޖާގެ ގެއަށް ދޭނެ އެއްޗެހި ތައްޔާރުވަމުން ދެއެވެ. އޭގެ ތެރޭގައި އެނދާއި، އުނދޯއްޔާއި، ގޮދަޑިއާއި، ބާލީހާއި، ކަންނޭލާއި، އެނދުގައި އަޅާނެ ފަލަނގުފޭއްޔާއި، ކުނަލާއި، ނަމާދުދޮޅިއާއި، މުސައްލައަކާއި، ޚަތިމަކާއި، އަންހެނުންގެ ހެދުމާއި (އެންމެމަދުވެގެން ދިހަވަރަކަށް ހެދުން) ދެތިން ޑަޒަން ސައިބޯންޏާއި، ފުނަލާއި، މޫނުބަލާ ލޯގަނޑާއި، ތެލާއި، ސެންޓާއި، ބަތްކާތަށްޓާއި، ސައިބޯޖޯޑާއި، ބޯތަށްޓާއި، މިބާވަތުގެ ޢާންމުކޮށް ބޭނުންކުރާ ކޮންމެ ބާވަތެއްގެ ތަށީގެ ސެޓަކާއި (ބާރަތަށީގެ) ބަދިގޭގައި ގެންގުޅޭ ތަކެތީގެވެސް ހުރިހާ އެއްޗެއް (ތެއްޔާއި، ދޭފަތާއި، އުނދުޅިއާއި، ހުނިގޮނޑިއާއި އަދިވެސް) ސައިމޭޒަކާއި، މޭޒުދޮށުގައި ބަހައްޓާނެ ގޮނޑިއާއި މިބާވަތްތަކުން ޢާއިލާއެއްގެ ދިރިއުޅުމަށް ބޭނުންވާ ހުރިހާއެއްޗަކާއި ކަފުނާއިކަފަވެސް ހިމެނެއެވެ.
މިޒަމާނުގެ ތަރައްޤީއާއި ޒުވާނުންގެ ވާދައިގެ ރޫޙު މިހާރުވަނީ މިކަމަށް އިތުރު ކުރިއެރުމެއް ގެނެސްފައެވެ. މިޒަމާނުގައި ޓެލެވިޜަނާއި، ވީސީއާރާއި، ލަވަޖަހާސެޓުފަދަ ތަކެތިވެސް ދިނުން އޮވެއެވެ.
ކުރިއްސުރެ ހަމަޖެހިފައިވާ (އިންނަން އަހާ ދުވަހު އެއްބަސްވެފައިވާ) ދުވަހު ފިރިހެންކުއްޖާގެ ފަރާތުން އަންހެންކުއްޖާގެ ގެއަށް އެއްޗެހިދޭން ދެއެވެ. މިދާ ދިއުމުގައި ފިރިހެންކުއްޖާގެ ޢާއިލީ އަންހެނުންނާއި އޭނާގެ އަވަށުގެ ހުރިހާ އަންހެނުން ބައިވެރިވެއެވެ. މިތަކެތި ގެންނަނީ ބޮޑެތި ލޯތަށިތައްޓަށް ލެވޭ ކަހަލަ ތަކެތި ލޯތަށްޓަށް ލައިގެން އަންހެންކުދީންގެ ބޯމަތީގައި ބަހައްޓައިގެންނެވެ. އެދުވަހުވެސް އަންހެންކުއްޖާގެ ގޭގައި ސައިއޮވެއެވެ. އެދުވަހުގެ ސައިގެ ޚަރަދުވެސް އޮންނާނީ ފިރިހެންކުއްޖާގެ ގޯތިންނެވެ. (ގެއިންނެވެ.) ކާވެނީގެ ދެތިންދުވަސްފަހުން އަންހެންކުއްޖާގެ ގެއިން އެއްކަލަ ތަކެތި ގެންދިޔަ ލޯތަށިތައް ހުސްކޮށްގެން ފިރިހެންކުއްޖާގެ ގެއަށް ގެންދެއެވެ. އެދުވަހު ތަށިތައް ގެންދާއިރު ވަރަށްމޮޅަށް ކައްކައިގެން ކާއެއްޗެހިވެސް ގެންދެއެވެ. އެތަކެތި ކަނީ ފިރިހެންކުއްޖާގެ އާއިލާގެ މީހުންނާއި ރަޙުމަތްތެރީންނެވެ.
މަލިކުގައި ކާވެނިކުރަނީ މިސްކިތުގައި ނުވަތަ ގޭގައެވެ. މިސްކިތުގައި ކާވެންޏެއް ކުރާނަމަ ކަތީބަށް ދޭންޖެހެނީ -/30 ރުފިޔާއެވެ. ގޭގައި ކާވެންޏެއް ކުރާނަމަ -/35 ރުފިޔާއެވެ.
ކާވެނިކުރާދުވަހު ހަވީރު "ފޭލިގަނޑު ދެމުން" އޮވެއެވެ. ފޭލިގަނޑު ދެމުމަކީ ކާވެނިކުރާ ދެމަފިރީން އުޅޭ ކޮޓަރީގެ ނުވަތަ ގޭގައި އެމީހުން އުޅެން ހަމަޖައްސާ ބައިގެ ދޮރުތަކުގައި ދޮރުފޮތި ދެމުމެވެ. އެދުވަހު ފިރިހެންކުއްޖާގެ ފަރާތުން އަންހެންކުއްޖާގެ ގޭގައި މޫނުބަލާ ލޯގަނޑެއް ބަހައްޓައި ދިނުންވެސް އޮވެއެވެ.
މަލިކުގައި ޢާންމުކޮށް ގޭގެ ބައިކޮށްފައި ހުންނަނީ ދެބަޔަކަށެވެ. އެއީ އެތެރެގެއާއި ބޭރުގެއެވެ. (މަލިކުބަހުރުވައިން ގޭއަޑިއާއި ގޭދޮރެވެ.) މިފަހަކަށް އައިސް ވަނީ ކޮޓަރިކޮޓަރިވެސް ހަދަން ފަށާފައެވެ.
ކޮޓަރިކޮޓަރި ނުހުންނަ ގޭގޭގައި އަލަށް ކާވެނިކުރާ ދެމީހުން އުޅެނީ ބޭރުގޭގައެވެ. އެހެންކަމާއެކު ފޭލިގަނޑު ދަމަނީ ބޭރުގޭގެ ހުރިހާ ދޮރުދޮރުގައެވެ. މީގެ އިތުރަށް އުނދޯލިމަތީގައި ސަނދުވާއެއްވެސް ދަމައެވެ.
ފޭލިގަނޑު ދަމަނީ ފިރިހެންކުއްޖާގެ އައުލާދުގެ ފިރިހެން ޒުވާނުންނާއި އޭނާގެ ގާތް ރަޙުމަތްތެރި ޒުވާން ފިރިހެންކުދީންނެވެ. ފޭލިގަނޑު ދަމަން ދަނީ ޢަޞުރުނަމާދުގެ ފަހުގައެވެ. އެވަގުތު އެގޭގައި ސައިހަދާފައި އޮވެއެވެ. އެކަމަށްޓަކައި އަންހެންކުއްޖާގެ އައުލާދުގެ އަންހެންކުދީންނާއި، ރައްޓެހި އަންހެންކުދީން އާދެއެވެ. އެމީހުން ފޭލިގަނޑު ދަމަންދާ ފިރިހެންކުދީންގެ ގަޔަށް ފެންޖަހައެވެ. ފެންޖެހުމުގައި ސައިފަތުގެ ފެނާއި އިސްބަޣުލް ފެންވެސް އުކައެވެ. ފިރިހެންކުދީންވެސް އަންހެންކުދީންގެ ގަޔަށް ފެންއުކައި ފެންކުޅީގައި ބައިވެރިވެއެވެ.
ކާވެނިކުރުން އޮންނަނީ ޢަޞުރުނަމާދުގެ ފަހުންނާއި، މަޣުރިބުނަމާދުގެ ފަހުންނެވެ. ކާވެނިކުރާރޭ އަންހެންކުއްޖާގެ ގޭގައި ކާވެނީގެ ޕާޓީ އޮވެއެވެ. އެޕާޓީއަށް، އިހުގައި ހަދައިއުޅެނީ ސައެވެ. ނަމަވެސް މިހާރަކަށްއައިސް މަލިކުގައިވެސް ގިނައިން ކައްކައި އުޅެނީ ބިރިޔާނީއެވެ.
ކާވެނިކުރާ އަންހެންކުއްޖާގެ ގާތްތިމާގެ އަންހެންކުދީންނާއި އޭނާގެ "ވިލީ" ގެ (އަވަށުގައި އޭނާ ހިމެނޭ ގްރޫޕް) އަންހެންކުދީން ދެފަރާތުގެ ޢާއިލާގެ ގޭގެއަށް "ބަތްދޭން" (ކާވެނިޕާޓީއަށް ކައްކާ ބިރިޔާނީ ނުވަތަ ހަދާ ސައިގެ ހެދިކާ ދޭން) ދެއެވެ. މިތަކެތި ގެންދަނީ ބޮޑެތި ދޮލަނގުދޮލަނގަށް އަޅައިގެން ބޯމަތީ ބަހައްޓައިގެންނެވެ. މަލިކުގައި ދެފަރާތުގެ ޢާއިލާއަށް ކާވެނީގެ ބަތްބަހަން ދިއުން އޮންނަގޮތަށް ހއ.ދިއްދޫގައި އޮންނަނީ ކާވެނިބަތް ކައްކާ ދުވަހު ފަރިވަޅު ކައްކައިގެން ފަރިވަޅު ބެހުމެވެ. ފަރިވަޅަށް ކައްކަނީ ސާގު ނުވަތަ މުގު ނުވަތަ އޯބަތުގެ ބޮނޑިބަތެވެ. މިތަކެތި ގެންދާނީ އަންހެންކުއްޖާގެ ޢާއިލާގެ ފަރާތުން ފިރިހެންކުއްޖާގެ ޢާއިލާއަށެވެ.
ކާވެނީގެ ޕާޓީގެ ކަންތައްތަކުން ނިމި ގޭތެރެ ރަމަތަވެލުމުން އަންހެންކުއްޖާގެ ގެއިން "ފަހުސަފުކާން" ފިރިހެންކުއްޖާ ބަލައިދެއެވެ. އިހުގައި ފަހުސަފުކާން ބަލައިދާއިރު ބިގަރެއް ގެންދަން ޖެހެއެވެ. ފަހުސަފަކީ ކާވެނިރޭ އެމުނާސަބާގައި ތައްޔާރުކުރެވޭ އެންމެފަހުގެ ސައެވެ.
ފަހުސަފުކާން ދާއިރު ފިރިހެންކުއްޖާގެ ގާތްތިމާގެ ފިރިހެނުންނާއި އޭނާގެ ގާތް ރަޙުމަތްތެރި ފިރިހެނުންގެ ވަކިބަޔަކު އޭނާއާ އެކުގައި ދެއެވެ. އެމީހުންގޮސް ސަފުކައިގެން އެނބުރި ދާއިރު ކާވެނިވާ ފިރިހެންކުއްޖާވެސް އެމީހުނާއެކުގައި އެނބުރި ދަނީއެވެ. އޭގެފަހުން 11:30 އެހާކަންހާއިރު އޭނާ "އޮއްތަން" އަންނާނެއެވެ. (ނިދަން އަންނާނެއެވެ.) މިއަންނައިރު އޭނާއާއެކުގައި އަންނާނީ އޭނާގެ އެންމެގާތް ރަޙުމަތްތެރިއެކެވެ. ފިރިހެންކުއްޖާގޮސް އިށީންނަނީ "ގޭދޮރުބުރީގެ ކުޑައަށިފަތު" (ބޭރުގޭ ކުޑައަށި) ގައެވެ. އޭރު އަށިމަތީގައި އެތައް ގޮދަޑިއެއް މަތިމައްޗަށް އަރުވައިގެން ދެ ޢަރޫޝުންނަށް ތައްޔާރުކޮށްފައި ހުންނަ ވަރަށް ޒީނަތްތެރި ތަންމައްޗެއް ހުންނާނެއެވެ. ފިރިހެންކުއްޖާ އިށީނދެ އިންނަނީ ތަންމަތީގެ މަގަތުން އަށިމަތީގައެވެ.
ފިރިހެންކުއްޖާ އައިސް އެތާނގައި އިށީނުމުން އަންހެންކުއްޖާގެ ތިމާގެ މީހަކު މެދުދޮރުގައި ދަމާފައި ހުންނަ ފޮތިގަނޑު ވައްޓައިލައެވެ. ފޮތިގަނޑު ވައްޓައިލުމުން އަންހެންކުއްޖާގެ ގޭގެމީހުން އޭނާ ބޭރުގޭ ތެރެއަށް ވައްދައެވެ. ބައެއްފަހަރު އަންހެންކުއްޖާ ލަދުން ނުވަންނާން އުޅެނިކޮށް ބޭރުގޭތެރެއަށް ކޮއްޕައިލާތަންވެސް އާދެއެވެ. ފޮތިގަނޑު ވައްޓައިލުމަށްފަހު ގޭގެ އެބަޔަށް އެއްވެސް މީހަކު ނުވަންނާނެއެވެ.
އަންހެންކުއްޖާ ބޭރުގޭތެރެއަށް ވަދެފައި އެނބުރިގޮސް ފިރިހެންކުއްޖާއަށް ފަނިތަށްޓެއް ގެންގޮސްދެއެވެ. ކާވެނީގެ މުނާސަބަތުގައި ފަނިތަށްޓެއް ގެނެސްދިނުމަކީ ރާއްޖޭގައިވެސް އިހުޒަމާނުގައި އޮންނަ ކަމެކެވެ. ކާވެނިވެގެން ހެކިވެރީން ފިރިދައްކަން އައުމުން އަންހެންމީހާ ފިރިމީހާއަށް ފަނިތަށްޓެއް ގެނެސްދެއެވެ. ބިއްލޫރި އުނބުގަނޑެއްގައި ވަރަށް ފޮނިގަދަކޮށް ގިރާފައި ހުންނަ ފަނިތަށްޓެކެވެ.
މިގޮތަށް ތިންރޭ ވަންދެން ސައިހެދުމާއި، ފިރިހެންކުއްޖާ "އޮއްތަންލާން އައުން" އޮވެއެވެ. ތިންރޭފަހުން ފިރިހެންކުއްޖާ އަމިއްލައަށް ނިދަން އަންނަން ފަށައެވެ.
މިތިންރޭ ފަތިސްނަމާދުން އައިސް "ބެޑްކޮފީ" ގެ ސައިބޮއިގެން މޫނުއަނދިރިކަން ހުއްޓައި ފިރިހެންކުއްޖާ ދަނީ އޭނާގެ ގެއަށެވެ. ގެއަށްދާން ފެށުމުން އަންހެންކުއްޖާ ނުހަނު ފާޑުވެރިކަމާއެކު ހަދައި ވަރަނގުކަރުދާހުގައި ބަންދުކޮށްފައި އޮންނަ ބާރަގަނޑު ބިލެތް ފިރިހެންކުއްޖާއަށް ދެއެވެ.
މިތިންދުވަހު ފިރިހެންކުއްޖާގެ ހެނދުނުނާސްތާ ތައްޔާރުކޮށްގެން ފިރިހެންކުއްޖާގެ ގެއަށް ގެންދަނީ އަންހެންކުއްޖާގެ ގެއިންނެވެ. ތިންދުވަސްފަހުން ފިރިހެންކުއްޖާ އަންހެންކުއްޖާގެ ގެއިން ނާސްތާކުރަން ފަށައެވެ. ނަމަވެސް ފުރަތަމަ ދަރިފުޅު ލިބެންދެން ހަވީރުސަޔަށް ފިރިހެންކުއްޖާގެ ގެއަށް ހެދިކާ ގެންގޮސް ދޭނެއެވެ.
ކާވެނިކުރާ ދުވަސްނޫން އަނެއްދުވަހު ހެނދުނު ފިރިހެންކުއްޖާގެ މަންމަ، އަންހެންކުއްޖާގެ އެމަސްދުވަހުގެ ޚަރަދު ގެންގޮސް އަންހެންކުއްޖާގެ މަންމައާ ޙަވާލުކުރެއެވެ. އެދުވަހުގެ ޢަޞުރުނަމާދުގެ ފަހުން އަންހެންކުއްޖާ އޭނާގެ ފިރިމީހާގެ ގެއަށް (މަލިކު ބަހުރުވައިގައި އުސްގޯތި) ފުނޑައިދޭން ދެއެވެ. މިދިއުމަށް މަލިކު ބަހުރުވައިން ކިޔަނީ ފުނޑަން ބަލައިދިޔުމެވެ. ފުރަތަމަ ތިންދުވަހު އަންހެންކުއްޖާ ދާނީ އޭނާގެ ތިމާގެ އަންހެނަކާ، ނުވަތަ އެންމެ އެކުވެރި އަންހެންކުއްޖަކާ އެކުގައެވެ. އަންހެންކުއްޖާއާ އެކުގައި ދާމީހާ އެގެއަށް ބޯފެން ގެނެސްދީ، އެނދުއެނދުގެ ތަންމަތި އަޅައިދީ، ހަވާދު ފުނޑައިދީ، ބައްތި ފޮހެދީ ހަދައެވެ. ނަމަވެސް މިހާރު މަލިކުގައިވެސް ސައުވީސް ގަޑިއިރު ކަރަންޓު އޮންނާތީ ބައްތި ފޮހެދޭކަށެއް ނުޖެހެއެވެ.
ފުނޑަން ބަލައިދިޔުމުން ފިރިހެންކުއްޖާގެ މަންމަ (މަލިކު ބަހުރުވައިގައި އަންހެންކުއްޖާގެ ފަހަވެރި އަމޯ) އޭނާގެ ޅީދަރިފުޅު ގައިގައި ރަނުގެ ގަހަނާ އަޅުވައިދީ، ހަދިޔާދީ، ފިރިހެންކުއްޖާގެ ޢާއިލާގެ އެންމެގާތް މީހުންގެ ތެރެއިން އަންހެންކުއްޖާ ދާންވީ ގޭގެ އޮޅުންފިލުވައިދީ ހަދައެވެ. އަންހެންކުއްޖާ އެގޭގެއަށް ދިޔުމުން އެގޭގެއިންވެސް ރަންމުންޖާއި، ރަންކަންފަތުލާ އެއްޗެހި ފަދަ ތަކެތި ހަދިޔާއަށް ދެއެވެ. އަދި ކޮންމެ ގެއަކުން އަންހެންކުއްޖާގެ ގެއަށް "ތަގައްޓެއް" (ދެތިން ހެދުމާއި، ފުށްދަޅަކާއި، ފުނަލާއި، ސައިބޯންޏާއި، ދަތްއުނގުޅާ ބޭހާއި، ބުރުހާއި، އެބަޔެއްގެ ނިސްބަތުން ފައިސާ އަޅާފައިވާ މަލާފަތެއް) ފޮނުވައެވެ. އަންހެންކުއްޖާ އެމަލާފަތް ހުސްކޮށްފައި ފޮނުވާނީ އެއަށް ހެދިކާ އަޅާފައެވެ. އަޅުގަނޑުމެންގެ ދިއްދޫގައިވެސް އަންހެންކުއްޖާގެ ޢާއިލާގެ ފަރާތުން ފަރިވަޅުމަލާފަތް ފޮނުވާ ގޭގެއިން (ފިރިހެންކުއްޖާގެ ޢާއިލާގެ މީހުންގެ ގޭގެއިން) އަންހެންކުއްޖާއަށް ހަދިޔާ ފޮނުވައެވެ. މިގޮތުން ފޮނުވަނީ ހެދުމާއި، ގަހަނާއާއި، ފުށާއި، ސެންޓާއި ސައިބޯނިފަދަ ތަކެއްޗެވެ.
(ނުނިމޭ)