އިމާދު ލަތީފު
ލަކްޝަދީބުގެ ފަތުރުވެރިކަން ތަރައްގީކޮށް ކުރިއެރުވުމުގެ ނަމުގައި އިންޑިޔާއިން މިހާރު ހިންގަމުންދާ ކެމްޕޭނުގެ ތެރެއިން އަނެއްކާވެސް އައުކަމެއް ވަނީ އިއުލާންކޮށްފައެވެ. އެއީ ލަކްޝަދީބުގެ އެންމެ ދެކުނުގައި އޮންނަ މަލިކުގައި އައު އެއަރޕޯޓެއް އެޅުމެވެ. އިންޑިޔާގެ ނިއުސް އެޖެންސީއެއް ކަމަށްވާ އޭޝިއަން ނިއުސް އިންޓަރނޭޝަނަލް، އޭއެންއައިގެ ފަރާތުން އިންޑިޔާގެ ރަސްމީ ފަރާތްތަކާ ހަވާލާދީ މިހަފުތާގައި ރިޕޯޓްކޮށްފައިވަނީ މިއީ ލަކްޝަދީބުގައި ފަތުރުވެރިކަން ފުޅާކުރުމާއެކު އަސްކަރީ ބޭނުންތަކަށްވެސް ފަރުމާކުރެވޭ އެންމެ ޒަމާނީ މަލްޓި ޕާޕަސް އެއަރޕޯޓެއް ކަމުގައެވެ. މި އެއަރޕޯޓް ވުޖޫދުކުރުމަށް ކުރާންޖެހޭ އެންމެހައި ކަންކަން ފެށުމުގެ ހުއްދަ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން މިހާރު ދީފައިވާކަމަށްވެއެވެ. މި އެއަރޕޯޓަކީ ލަކްޝަދީބުގެ ފަތުރުވެރިކަމާ ގުޅުންހުރި އެއަރޕޯޓެއްތޯ ނުވަތަ މިކަމުގެ ފަހަތުގައި އޮތީ އަދި އެހެން ބޭނުމެއްތޯ ބަލައިލަމާ ބަހީއެވެ. ލަކްޝަދީބުގެ ކަންކަމަކީ މިހާރު ދިވެހިންވެސް ވަރަށް ޝައުގުވެރިވާ ކަންކަމަށް ވާތީއެވެ.
މަލިކަކީ ލަކްޝަދީބުގެ ރަށްތަކުގެ ތެރެއިން އެންމެ ދެކުނުގައި އޮންނަ ރަށެވެ. ލަކްޝަދީބުގެ ޖުމްލަ ދިހަ ރަށެއްގައި މީހުން ދިރިއުޅޭއިރު ދިވެހިބަހުން ވާހަކަ ދައްކާ ބަޔަކު ތިބީވެސް ހަމައެކަނި މަލިކުގައެވެ. ދިވެހިރާއްޖެއާ އެންމެ ކައިރީގައި އޮންނަ ރަށް ކަމުންނެވެ. ދިވެހިރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އިހަވަންދިއްޕޮޅާއި މަލިކާ ދެމެދުގައި ވަނީ އެއިޓް ޑިގްރީ ޗެނަލެވެ. މިދެމެދުގައިހުރީ ގާތްގަޑަކަށް ސަތޭކައެއްހައި ކިލޯމީޓަރުގެ ދުރުމިނެވެ. ލަކްޝަދީބުގެ ދެންހުރި ރަށްރަށާއި މަލިކުގެ ދުރުމިން މާބޮޑެވެ. ދެގުނަ ބޮޑެވެ. ގާތްގަޑަކަށް ދުއިސައްތަ ކިލޯމީޓަރެވެ. މަލިކާއި ލަކްޝަދީބުގެ ދެންހުރި ރަށްރަށާއި ދެމެދުގައި ވަނީ ނައިން ޑިގްރީ ޗެނަލްއެވެ. މަލިކަކީ ލަކްޝަދީބުގެ އެހެން ރަށްރަށާއި ވަކިން މާދުރުގައި އޮންނަ ރަށަކަށްވެފައި މަލިކުގައި މާބިޔަ ފުރިހަމަ އެއަރޕޯޓެއް އަޅަން އުޅެނީ ލަކްޝަދީބުގައި ފަތުރުވެރިކަން ފުޅާކުރުމަކަށް ނޫނެވެ. އިންޑިޔާއިން ގާއިމު ކުރަނީ ހަގީގަތުގައިވެސް އެއަރބޭހެކެވެ. މިލިޓަރީ މަރުކަޒެކެވެ.
ލަކްޝަދީބުގައި އޮންނަނީވެސް ޖުމްލަ 36 ރަށެވެ. އެއީ މަލިކާއި އެރަށުގެ ފަޅުތެރޭގައި އޮންނަ ކުޑަކުޑަ ވިލިގިލިވެސް ހިމަނައިގެންނެވެ. ލަކްޝަދީބުގެ ވެރިކަންކުރާ ރަށްކަމުގައިވާ ކަވަރައްދޫއާއި ލަކްޝަދީބުގެ އެއަރޕޯޓް އޮންނަ އަގާޓީއަށްވުރެ ދިވެހިރާއްޖޭގެ ހަނިމާދޫއާއި ކުޅުދުށްފުއްޓާއި ދިއްދޫއާއި ހޯރަފުއްޓާއި އިހަވަންދޫވެސް މަލިކާއި މާކައިރިއެވެ. އެހެންވީމާ މަލިކުގައި އަޅާ އެއަރޕޯޓަކުން ލަކްޝަދީބުގެ އެހެން ރަށްރަށުގެ ފަތުރުވެރިކަމަށް ފޯރާނެ ހެޔޮ އަސަރެއް ނެތެވެ. މިދުވަސްވަރު ލަކްޝަދީބުގެ ފަތުރުވެރިކަން ކުރިއެރުވުމުގެ ނަމުގައި ޒާތެއްގެ ފޯރިއެއް ނެގުމަށްފަހު އޭގެތެރެއިން ކުރާން އުޅެނީ އަދި އެހެންކަމެކެވެ. މަލިކުގައި ނޭވަލް އެއަރބޭހެއް ގާއިމުކުރުމުގެ ޚިޔާލަކީ އައު ޚިޔާލެއްވެސް ނޫނެވެ. މީގެ އަހަރުތަކެއް ކުރިން އިންޑިޔާގެ ކޯސްޓްގާޑުގެ ފަރާތުން މިކަމާބެހޭ ހުށައެޅުމެއްވެސް ސަރުކާރަށް ހުށައެޅިއެވެ. އެކަން މިހާތަނަށް ވައިގައި ހިފާގޮތް ނުވެފައިއޮތީއެވެ. މިހާރު އެ ޚިޔާލަށް އަލުން ދިރުންއައީއެވެ.
މަލިކަކީ އަތޮޅެކެވެ. އެ އަތޮޅުގައި މަލިކުގެ އިތުރުން ދެންއޮތީ ވިލިގިލި ނަމަކަށް ކިޔުނު ކުޑަކުޑަ ފަޅު ރަށެކެވެ. ދިގުމިނުގައި ދިހަވަރަކަށް ކިލޯމީޓަރު ހުންނަ މަލިކަކީ އުތުރުކޮޅުން ވަރަށް ހިމަ އަދި މެދުން ފެށިގެން ދެކުނަށް ފުޅާކޮށް އޮންނަ ރަށެކެވެ. އެހެންވީމާ ކިތަންމެހައިވެސް ބޮޑު އެެއަރޕޯޓެއް އެރަށުގައި އެޅިދާނެއެވެ. މި އެއަރޕޯޓް ވާނީ ހަގީގަތުގައި ކޮމާޝަލް ދަތުރުފަތުރަށް ހުޅުވައިލެވޭ އެއަރޕޯޓަކަށްވުރެ ބޮޑަށް އިންޑިޔާގެ އެއަރފޯސްގެ މަރުކަޒަކަށެވެ. މިތަން ތަރައްގީކުރާނީ އެއަރފޯސްގެ އެންމެ ބޮޑެތި ޓްރާންސްޕޯޓް އުޅަނދުތަކާއި ހަނގުރާމަމަތީ ޖެޓްތަކަށްވެސް ޚިދުމަތްދެވޭ ތަނެއްގެ ގޮތުގައެވެ. ޓްރާންސްޕޯޓް އުޅަނދުތަކަކީ އެއްތަނުން އަނެއް ތަނަށް ސިފައިންނާއި ހަތިޔާރު އުފުލާ ބޮޑެތި ބޯޓުފަހަރެވެ. ލަކްޝަދީބުގައި މިހާރު އޮންނަ ހަމައެކަނި އެއަރޕޯޓް ކަމަށްވާ އަގާޓީއަކީ ވަރަށް ކުޑަކުޑަ އާދައިގެ ޑޮމެސްޓިކް އެއަރޕޯޓެކެވެ. އެހެންވީމާ އަސްކަރީ ބޯޓުތަކަށް އެތަނުން ޚިދުމަތެއް ނުދެވެއެވެ.
މަލިކުގައި އަޅާ އެއަރޕޯޓް އޮޕަރޭޓް ކުރާނީ އިންޑިޔާގެ އެއަރފޯސްގެ ސަދަން ކޮމާންޑުގެ ފަރާތުންނެވެ. ސަދަން ކޮމާންޑުގެ ހެޑްކުއާޓަރު ހުންނަނީ ކެރެލާ ސްޓޭޓްގެ ވެރިރަށް ޓްރިވެންޑްރަމްގައެވެ. ސަދަން ކޮމާންޑަކީ އިންޑިޔާގެ އެއަރފޯސް ބަހާލެވިފައިވާ ހަތްބައިގެ ތެރެއިން އެއްބައެވެ. ލަކްޝަދީބަކީ އިންޑިޔާގެ ވަކި ސްޓޭޓަކަށް ނިސްބަތްނުވާ ޔުނިއަން ޓެރިޓަރީއަކަށްވާއިރު ހަމަ އެދަރަޖަ ލިބިފައިވާ އެންޑަމަން އާއި ނިކޮބާރ ޖަޒީރާތަކުގައި އެއަރފޯސްގެ ދެ ސްޓޭޝަނެއް އޮޕަރޭޓް ކުރަނީވެސް ސަދަން ކޮމާންޑުގެ ފަރާތުންނެވެ. އެ ދެ ސްޓޭޝަނަކީ ނިކޮބާރުގެ ކާރނިކޮބާރުގައިވާ ވައިގެ މަރުކަޒާއި އެންޑަމަންގެ ޕޯޓް ބްލެއާރގައިވާ ވައިގެ މަރުކަޒެވެ. މި ދެތަނުގައިވެސް ހިސާބަކަށް މަދަނީ ބޯޓުފަހަރު އޮޕަރޭޓް ކުރެއެވެ. އަސްކަރީ އުދުހުންތަކާއި މަދަނީ އުދުހުންތައް މަސްހުނިކޮށްގެން އެއަރފޯސްގެ މަރުކަޒެއް ހިންގުމުގެ ތަޖުރިބާހުރީވެސް ކުރިން މިދެންނެވި ސަދަން ކޮމާންޑުގައި އެކަންޏެވެ.
ލަކްޝަދީބުގައި މިހާރު ބޭނުންކުރާ ހަމައެކަނި އެއަރޕޯޓް ކަމަށްވާ އަގާޓީގެ އެއަރޕޯޓަކީވެސް މާދިގު ތާރީޚެއް ލިބިގެންވާ ތަނެއް ނޫނެވެ. އިންޑިޔާގެ ކޯސްޓްގާޑުގެ ޑޯނިއާ ފްލައިޓްތައް ތިރިކުރުމަށްޓަކައި އަގާޓީގައި އެންމެފުރަތަމަ ރަންވޭއެއް ގާއިމުކުރެވުނީ 1988 ގައެވެ. އޭގެކުރީގައި މުޅި ލަކްޝަދީބުގައިވެސް އެއަރޕޯޓެއް ނެތެވެ. ޑޯނިއާ ބޯޓުތަކަށް ފަރުމާކުރެވުނު މި ރަންވޭ އިތުރަށް ދިގުކޮށް ޑޮމެސްޓިކް ޓާރމިނަލެއް ހަދައި ކޮމާޝަލް ޑޮމެސްޓިކް ފްލައިޓްތަކަށް ހުޅުވައިލީ 2010 ވަނަ އަހަރުގެ ތެރޭގައެވެ. އެއަށްފަހު ކެރެލާގެ ކޮޗިންއާއި އަގާޓީއާ ދެމެދު ދަތުރުކުރަނީ ދިވެހިރާއްޖޭގެ ޑޮމެސްޓިކް އެއަރލައިންތަކުންވެސް މިގެންގުޅޭ ކަހަލަ އޭޓީއާރް މަރުކާގެ ކުދި ބޯޓެވެ. ކޮންމެ ދުވަހަކު އޭގެ އެއް ފްލައިޓެވެ. އަގާޓީއަކީ މަލިކު ގޮތަށް ހަނިކޮށް ދިގުކޮށް އޮންނަ ރަށެކެވެ. ޖުމްލަ އަށެއްކަ ކިލޯމީޓަރެވެ. މީހުން ދިރިއުޅެނީ ފުޅާކޮށް އޮންނަ އުތުރުކޮޅުގައެވެ. ރަންވޭ އޮންނަނީ ރަށުގެ ހަނިކޮށް އޮންނަ ދެކުނުކޮޅުގައެވެ.