މިނިސްޓަރ ޔުމްނާ މައުމޫން

ވާހަކަދެއްކުމުގެ ގައުމީ މުބާރާތް ބާއްވާގޮތް ޒަމާނާ އެއްގޮތަށް ބަދަލުކުރަންޖެހޭ: ޔުމްނާ

ރާއްޖޭގައި ބާއްވަމުން އަންނަ ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތް ބާއްވަމުން އަންނަ ގޮތް ޒަމާނާ އެއްގޮތަށް ބަދަލު ކުރަންޖެހޭ ކަމަށް ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

34 ވަނަ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ ރާއްޖޭގައި ވާހަކަދެއްކުމުގެ މުބާރާތްތައް އަދިވެސް ކުރިއަށް ގެންދަނީ އެންމެ ކުރީ ޒަމާނުގައި ގެންދިޔަ ގޮތަށް ކަމަށެވެ.

ޔުމްނާ ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާއި ވާހަކަދެއްކުމުގެ ފަންނުގައި އަންނަމުންދާ ބަދަލުތަކާއި ކުރިއެރުންތަކަށްވެސް އަދުގެ ކިޔަވާކުދިން ލޯހުޅުވުން މުހިއްމު ކަމަށެވެ.

އެގޮތުން ޕޯޑިއަމްތަކުގައި ހުއްޓި ހުރެ ވާހަކަދެއްކުމުގެ އުސޫލަކީ ކުރީގެ އުސޫލެއް ކަމަށާއި އޭގެ ބަދަލުގައި ޒަމާނީ ވައްޓަފާޅިއަށް މުބާރާތް ބަދަލުކުރުމުން ވާހަކަދެއްކުމުގެ ގައުމީ މުބާރާތަކީ އިތުރަށް ޒުވާނުން ޝައުގުވެރިވާ ފަދަ މުބާރާތަކަށް ވެގެންދާނެ ކަމެއްކަމަށް މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.

އެހެންކަމުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގައިވެސް މިފަދަ މުބާރާތްތައް ބާއްވާއިރު މިކަންކަމަށް ސަމާލުވެ މިފަދަ ބަދަލުތައް ގެނައުމަށް މިނިސްޓަރު ޔުމްނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

މި މުބާރާތަކީ ރާއްޖޭގެ ސްކޫލުތަކާއި އޮފީސްތަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ މުބާރާތެކެވެ. އެގޮތުން މިއަހަރުގެ މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ 6 ގިންތިއަކަށް ބަހާލައިގެންނެވެ.

މި މުބާރާތުގައި މަތީ ސާނަވީ ގިންތިން އެއްވަނަ މުހައްމަދު ރިޔާޝް އަބްދުލް މަޖީދު ހޯދާފައިވާއިރު މިގިންތިން އެއްވަނަ ހޯދާފައިވަނީ ސީއެޗްއެސްއީއެވެ.

ސާނަވީ ގިންތިން އެއްވަނަ ޖަމާލުއްދީން ސްކޫލްގެ ޝާއިން މުހައްމަދު ރިފްއަތު ހޯދި އިރު އެއްވަނަ ސްކޫލަކަށްވެސް ހޮވިފައިވަނީ ޖަމާލުއްދީން ސްކޫލެވެ.

އަދި މަތީ ތައުލީމުގެ ބައިން އެއްވަނަ ހޯދާފައިވަނީ ގައުމީ ޔުނިވާސިޓީގެ މުހައްމަދު ޒައިދާން ޒާހިރެވެ. އޮފީސްތަކާއި ކުންފުނި އަދި ކުލަބު ޖަމްއިއްޔާގެ ގިންތިން އެއްވަނަ ހޯދާފައިވަނީ ކުލަބް ޓޫ.ޓޫ.ޒީރޯގެ އަލްއުސްތާޛާ ފާތުމަތު ނަބާހާއެވެ.