އިތުރު ހިދުމަތްތަކާއެކު ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ މިއަދު އަލުން ހުޅުވައިފިއެވެ.
މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ލައިބްރަރީ ހުޅުވައިދެއްވީ ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫނެވެ.
ގިނަ ދުވަސްތަކަކަށް ފަހު ލައިބްރަރީ އަލުން ހުޅުވިއިރު ދެ ހާހަށްވުރެ ގިނަ ފޮތް ލައިބްރަރީއަށް ވަނީ އިތުރު ކޮށްފައެވެ. އަދި ލައިބްރަރީގައި އިނގިރޭސި ސެކްޝަނާއި ދިވެހި ސެކްޝަންވެސް މިހާރު ވަނީ ވަކިކޮށްފައެވެ.
އަދި ލައިބްރަރީގައި މިހާރު ކުދިންނަށް ފޮތް ކިޔަން ތިބެވޭ ސްޓަޑީ ކޯނާ އެއް ވަނީ ތަރައްގީކޮށްފައެވެ. އަދި ކުޑަކުދިންނާ ގުޅޭ ފިލްމު އެޅުވުމަށް ތިއޭޓަރެއް ވެސް ގާއިމްކޮށްފައި ވެއެވެ.
ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ ހުރީ މާފަންނު މަދަރުސާގެ އުތުރުން އޮންނަ މަގުގައެވެ.
ލައިބްރަރީ ހުޅުވައިދެއްވުމަށްފަހު މިނިސްޓަރު ޔުމްނާ ވަނީ ރަސްމިއްޔާތުގައި ބައިވެރިވި ކުޑަކުދިންނާއެކު ފޮތް ބެލުމުގައި ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.