ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ދިވެހި ގައުމީ ފުޓްބޯޅަ ޓީމާ ބައްދަލުކުރައްވައިފިއެވެ.
މޮރީޝަސްގައި މިއަދު ފެށި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހި ގައުމީ ޓީމް ކުޅުނު މެޗު މިނިސްޓަރު ޝާހިދާއި މިނިސްޓަރު މަހުލޫފު ބައްލަވާލައްވައި، ކުޅުންތެރިންނަށް ހިތްވަރު ދެއްވިއެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ކުރިއަށްދާ އެކި ކުޅިވަރުތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވައިލެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެގޮތުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019 ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންނެވީ މި މުބާރާތުގައި ބައިވެރިވާ ދިވެހި އެތުލީޓުންނަށް ހިތްވަރުދެއްވުމުގެ ގޮތުންނެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި މިނިސްޓަރު މަހުލޫފު ވަނީ 2023ގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ރާއްޖެއިން ކުރި ބިޑަށް ތާއީދު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ސީޝެލްސް، ކޮމޮރޯސް އަދި މަޑަގަސްކަރައިގެ އޮފިޝަލުންނާ ބައްދަލުކުރެއްވުމުގެ އިތުރުން މޮރިޝަސްގެ އޮލިމްޕިކް ކޮމިޓީއާއި ސަރުކާރުގެ އިސްވެރިންނާވެސް ބައްދަލުކުރެއްވިއެވެ.
2023ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބާއްވާ ގައުމު އިއުލާންކުރުން އޮންނާނީ މިފަހަރުގެ ގޭމްސް ނިމުމުގެ ރަސްމިއްޔާތުގައެވެ.