މޮރިޝަސްގައި މިއަދު ފެށި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019 (އައި.އޯ.އައި.ޖީ) ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ބައިވެރިވެވަޑައިގެންފިއެވެ.
މޮރިޝަސްގެ ޕޯޓް ލުއީގައި މިއަދު ފެށި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019 ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންނެވީ މި މުބާރާތުގައި ބައިވެރިވާ ދިވެހި އެތުލީޓުންނަށް ހިތްވަރުދެއްވުމުގެ ގޮތުންނެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ކުރިއަށްދާ އެކި ކުޅިވަރުތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވައިލެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ 14 ކުޅިވަރެއްގައި ރާއްޖެއިން މިފަހަރު ބައިވެރިވެއެވެ.
ބައިނަލްއަގްވާމީ މުބާރާތަކުން ރާއްޖެއަށް އެންމެ ފުރަތަމަ މެޑެއްޔެއް ލިބުނީ، މީގެ 40 އަހަރު ކުރިން އެންމެ ފުރަތަމަ ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، ކުޅިވަރު މުބާރާތުންނެވެ.
ރާއްޖެއަކީ މި މުބާރާތުގެ ފައުންޑާ މެންބަރު ގައުމެއްވެސް މެއެވެ. މީގެއިތުރުން ރާއްޖެއިން އަންނަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.