ޚަބަރު

ނަގިލި ނަގަން ފޭބި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ

ކ. ގުޅީފަޅުގައި އޮތް ދޯންޏެއްގެ ނަގިލި ނަގަން ފޭބި މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ދޯންޏެއްގެ ނަގިލި ނަގަން ފޭބި މީހާގެ ހަށިގަނޑު ފެނުނީ 21 މީޓަރު އަޑިން ކަމަށެވެ.

ނަގިލި ނަގަން ފޭބި މީހާ ގެއްލިގެން މިއަދު ހެނދުނުއްސުރެ އެމްއެންޑީއެފް އިން ދިޔައީ މަސައްކަތްކުރަމުންނެވެ. އެމީހާގެ ހަށިގަނޑު ފެނިފައިވަނީ މިއަދު ހަވީރު 4:21ގައި ކަމަށާއި އޭނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ އެމީހާއަކީ ކ. ގުޅީފަޅުގައި އަޅާފައި އޮތް "ސާހިބާ" ނަމަކަށް ކިޔާ މަސްވެރިކަން ކުރާ ދޯންޏެއްގައި މަސައްކަތްކުރާ ބިދޭސީއެކެވެ. އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު ހެނދުނު 8:50 ހާއިރެވެ.