ޖުޑީޝަލް ސާވިސް ކޮމިޝަން

މެޖިސްޓްރޭޓް ހަސަން ދީދީގެ ބަޔާން ނަގައިފި

ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީގެ ސުލޫކީ މައްސަލައިގައި އޭނާއާ ސުވާލުކޮށް، ބަޔާން ނަގައިފިއެވެ.

ޖޭއެސްސީގެ ތަހުގީގު ޓީމުން ހަސަން ދީދީގެ ބަޔާން ނަގައިފައިވަނީ އިއްޔެ ހަވީރުއެވެ. އޭނާގެ ބަޔާން ނަގާފައިވަނީ ގއ. އަތޮޅަށް މިހާރު ވަޑައިގެން އުޅުއްވާ ޖޭއެސްސީގެ ތަހުގީގު ޓީމުންނެވެ.

ހަސަން ދީދީގެ ސުލޫކީ މައްސަލައިގައި ކަނޑުހުޅުދޫގެ ބައެއް އާންމުންނާ ސުވާލުކޮށް ބަޔާން ނަގާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ހަސަން ދީދީގެ އިތުރުން އެއަތޮޅު މާމެންދޫ ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު ޝުކޫރާއި ހަމަ އެ އަތޮޅު ދާންދޫ ކޯޓުގެ މެޖިސްޓްރޭޓުގެ މައްސަލަތަކެއް ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.

ޖޭއެސްސީގެ ތަހުގީގު ޓީމުގައި ހިމެނެނީ ކޮމިޝަނުގެ ނާއިބު ރައީސް، މަސްތޫރު ހުސްނީ އާއި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު އާއި ހިސާން ހުސައިން އާއި ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހީމް އަދި ކޮމިޝަނުގެ މެންބަރު މުހައްމަދު އީސާފުޅެވެ.