ޚަބަރު

އެންޓި ޑިފެކްޝަން ގާނޫނު ދިރާސާ ކުރަން ވަގުތީ ކޮމެޓީއެއް އެކުލަވާލައިފި

ޝަހީދާ އަބްދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ހުށަހަޅާފައިވާ ބިލު ދިރާސާ ކުރުމަށް ހަތް މެންބަރުން ހިމެނޭ ވަގުތީ ކޮމެޓީއެއް އެކުލަވާލައިފިއެވެ.

އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހަޅާފައިވާ ބިލު އިތުރަށް ދިރާސާކުރަން ކޮމެޓީއަށް ފޮނުވުމަށް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފު ހުށަހެޅުއްވުމުން ކޮމެޓީއަށް ފޮނުވުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އަދި ކޮމެޓީގައި ހަތް މެންބަރުން ހިމެނުމަށް ރިޔާޒު ރަޝީދު ހުށަހަޅުއްވި ހުށަހެޅުން ފާސްކޮށްފައިވަނީ 37 މެންބަރުން ވޯޓް ދެއްވައިގެންނެވެ.

ވަގުތީ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުއާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރުއާއި، ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިންއާއި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފުއާއި، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމުއާއި، ތިމަރަފުށީ ދާއިރާގެ މެންބަރ މުހައްމަދު މުސްޠަފާއާއި، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހުއެވެ.

އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ހުށަހެޅުއްވި ބިލު މަޖިލީހަށް މިއަދު ބަލައިގަތުމަށް ފާސްކުރީ 36 މެންބަރުން ވޯޓް ދެއްވައިގެންނެވެ.