ޝަހީދާ އަބްދުﷲ ސައީދު
މާލޭގައި ބެޓެރިން ދުއްވާ މިނީ ބަސް ގެނައުމަށް ހަދަންޖެހޭ ދިރާސާތައް މިހާރު ނިމިފައިވާ ކަމަށާއި ވަރަށް އަވަހަށް ޓެންޑަރަށް ހުޅުވާލާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއޯއޯ ޝާހިދު ހުސައިން ވިދާޅުވީ މާލޭގެ މިނީ ބަހުގެ ހިދުމަތް ދިނުމަށް ހަދަން ޖެހޭ ދިރާސާތައް ނިންމައި، ޕްރޮޖެކްޓުގެ މަސައްކަތް މިނިސްޓްރީއާ ހާވާލު ކުރެވިފައިވާ ކަމަށެވެ.
އެގޮތުން ދިރާސާ ކުރުމަށްފަހު މިހާރު ވަނީ އިލެކްޓްރިކް ބަސްތަކެއް ގެނެސް ހުޅުމާލޭގައި ޗާޖުކޮށްގެން މާލޭގައި ހިދުމަތް ދިނުމަށް ރާވާފައި ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ބަސްތައް ގެނައުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަރަށް އަވަހަށް ޓެންޑަރަށް ހުޅުވައިލާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މާލެއަށް ގެންނަ ބަހަކީ މާލެއަށް އެކަށީގެންވާ ވަރުގެ ކުދި ބަސްތަކެކެވެ.
އަދި އިލެކްޓްރިކް ބަސް ގެންނަން ނިންމާފައިވަނީ ތިމާވެއްޓާ ރައްޓެހި ބަސްތަކެއް މާލޭގައި ދުއްވުމުގެ މަގްސަދުގައި ކަމަށް ވިދާޅުވިއެވެ. މިނީ ބަސްތަކުގެ ދިގުމިނުގައި ހުންނާނީ 20 ފޫޓު ކަމަށާއި ބަހެއްގައި ދަތުރުކުރެވޭނީ 16 މީހުންނަށް ނުވަތަ 20 މީހުންނަށް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. އެއްބަސްވުމުގެ ދަށުން ހަތަރު މަސް ތެރޭ އެ ހިދުމަތް ދޭން ފަށަން ޖެހެއެވެ. މާލެއަށް މިނީ ބަސް ތައާރަފު ކުރުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.