މުޅި ރާއްޖެއަށް މޯލްޑިވްސް މީޓިއޮރޮލޮޖީ ސާވިސްއިން ވައިޓް އެލާޓް ނެރެފި އެވެ.
ވައިޓް އެލާޓް ނެރެފައިވަނީ މިރޭ 11:00 އިން ފަތިހު 05:00 އަށެވެ. މި ވަގުތުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރުމިނަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ.
މެޓް އޮފީހުން މޫސުމާ ގުޅޭ އެލާޓް ނެރެނީ ހަތަރު ލެވެލްއަކަށެވެ. އެއީ ވައިޓް އެލާޓް، ޔެލޯ އެލާޓް، ރެޑް އެލާޓް އަދި ގްރީން އެލާޓް އެވެ.
ވައިޓް އެލާޓަކީ މޫސުން ގޯސްވުމުގެ ސަބަބުން ނުރައްކަލެއް ކުރިމަތިނުވި ކަމުގައި ވިޔަސް، މޫސުން ގޯސްވާކަން އެންގުމުގެ ގޮތުން ނެރޭ އެލާޓެކެވެ. ޔެލޯ އެލާޓް އަކީ މޫސުން ގޯސްވުމުގެ ސަބަބުން ގެއްލުމެއް ވެދާނެކަމަށް ތައްޔާރުވުމަށް ލަފާދީ ނެރޭ އެލާޓެކެވެ. ޔެލޯ އެލާޓް ނެރެފައިވަނިކޮށް ކަނޑުދަތުރު ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. ރެޑް އެލާޓް ނެރުމާއެކު އެ ސަރަހައްދަކުން ވީ އެންމެ އަވަހަކަށް ރައްކާތެރި ސަރަހައްދުތަކަށް މީހުން ގެންދަން ޖެހެއެވެ. އަދި ރެޑް އެލާޓް ނެރެފައި އޮއްވައި ކަނޑު ދަތުރު ކުރުމަކީ މަނާ ކަމެކެވެ. ގްރީން އެލާޓަކީ މޫސުން ރަނގަޅުވުމުން ކުރިން ނެރުނު އެހެން އެލާޓްތައް ކެންސަލް ކުރަން ނެރޭ އެލާޓެކެވެ.