ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ)ގައި ފެތިރެމުންދާ އެބޯލާ ރޯގާ ރާއްޖެއަށް އައުމުގެ ފުރުސަތު ކުޑަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިހެން ބުނެފައިވަނީ މިހާރު ޑީއާރުސީގައި ފެތުރެމުންދާ އެބޯލާ ރޯގާއާ ގުޅިގެން ޑަބްލިއުއެޗްއޯ އިން ބައިނަލްއަގުވާމީ ގޮތުން ކަންބޮޑުވުން އޮތް އާންމު ސިއްހަތުގެ އިމަޖެންސީއެއް ކަމަށް ބަލައި ގްލޯބަލް އެލާޓް ނެރުމާ ގުޅިގެން އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައެވެ.
އެގޮތުން ރާއްޖެއަށް އެބޯލާ ރޯގާ އައުމުގެ ފުރުސަތު އޮތް މިންވަރު ބެލުމަށް ހެދިފައިވާ ރިސްކް އެސެސްމަންޓަށް ބަލާއިރު ރާއްޖެއަށް ބަލި އައުމުގެ ފުރުސަތު ކުޑަކަމަށް އެޗްޕީއޭ އިން ބުނެއެވެ. ނަަމަވެސް އެޗްޕީއޯ އިން ގްލޯބަލް އެލާޓް ނެރެފައި ވުމުން މިފަދަ އެމަޖަންސީ ހާލަތުގައި އަމަލުކުރާ ރެސްޕޮންސް ޕްލޭން މިހާރު އެކްޓިވޭޓް ކުރުމަށްފަހު ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ސިއްހީ ދާއިރާގެ ހެލްތު އިމަޖެންސީ ކޯޑިނޭޝަން ކޮމިޓީގައި ސިއްހީ ދާއިރާއިން ވާންޖެހޭ ތައްޔާރީތައް މަޝްވަރާކޮށް އެކި ދާއިރާތައް ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ އިންޓަނޭޝަނަލް ހެލްތު ރެގިއުލޭޝަންސް ކޮމިޓީއާ ބައްދަލުކޮށްފައިވާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މި ބައްދަލުވުމުގައި ކަމާބެހޭ އިދާރާތަކުން އަޅަން ޖެހޭ ރައްކާތެރި ފިޔަވަޅުތަކާއި ވާން ޖެހޭ ތައްޔާރީތައް ހިއްސާ ކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭ އިން ބުނީ އެބޯލާ ރޯގާއާ ގުޅޭ ހުރިހާ ކަމެއް އެ އެޖެންސީން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.