ޚަބަރު

ރާއްޖެ އިސްތިހާރު ކުރުމަށް ސައުތު ކޮރެއާ އަދި ޗައިނާގެ މީޑިއާ ގްރޫޕެއް ރާއްޖެ އަތުވެއްޖެ

މަރިޔަމް ޝަހުދާ

ރާއްޖެ އިސްތިހާރު ކުރުމަށް ސައުތު ކޮރެއާ އަދި ޗައިނާގެ މީޑިއާ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

ޗައިނާ އަދި ސައުތު ކޮރެއާގެ ލީޑިންގް މީޑިއާތަކުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ދައުވަތަކަށެވެ. އެމްއެމްޕީއާރުސީ އިން މިކަމާ ގުޅިގެން އާންމު ކުރި ނޫސްބަޔާނެއްގައި މައުލޫމާތު ދިން ގޮތުގައި ސައުތު ކޮރެއާ އަދި ޗައިނާގެ މީޑިއާ ގްރޫޕްތަކަށް ދައުވަތު ދީފައިވަނީ އަގުހެޔޮ އަދި ހަމަޖެހިލައިގެން ޗުއްޓީ ހޭދަކުރެވޭނެ މާހައުލެއް ރާއްޖެއިން ލިބޭނެކަން ޕްރޮމޯޓް ކުރުމުގެ ގޮތުންނެވެ. މި ޒިޔާރަތަކީ މީޑިއާ ފެމެލަރައިޒޭޝަން ޓްރިޕްސް، މީޑިއާ އެފްއޭއެމް ޓްރިޕްސް ސީރީޒްގެ ދަށުން ކުރިއަށްދާ އެކްސްޕޯޝާ ހަރަކާތެއް ކަމަށް އެމްއެމްޕީއާރުސީ އިން މައުލޫމާތު ދެއެވެ.

މީޑިއާ އެފްއޭއެމް ޓްރިޕްސް ސީރީޒްގެ ދަށުން ސައުތު ކޮރެއާގެ ލީޑިންގް މީޑިއާތަކުގެ ބޭފުޅުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ މިމަހު 10 އިން 16 އަށެވެ. މި މުއްދަތުގައި ކަނޑިމާ މޯލްޑިވްސް، ތާޖް އެގްޒޯޓިކާ ރިސޯޓު އެންޑް ސްޕާ އަދި ސަމާ އައިލެންޑް މޯލްޑިވްސްގައި މި ބޭފުޅުން މަޑުކުރެއްވިއެވެ.

ޗައިނާގެ މީޑިއާ ގްރޫޕްތަކުގެ ބޭފުޅުން މިމަހު 16 އިން 21 އަށް މަޑުކުރުމަށް ރާއްޖޭގެ ގްރޭންޑް ޕާކް ކޮއްދިއްޕަރު، ޝްރަންގިލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އަދި ވެލައްސަރު މޯލްޑިވްސްގައި މަޑުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޒިޔާރަތުގައި ރާއްޖޭގެ ކަނޑުގެ ގުދުރަތީ ރީތިކަން މި ބޭފުޅުންނަށް ދައްކާލުމުގެ ގޮތުން ޑައިވިންގް އަދި ސްނޯކަލްގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރުސީއިން މައުލޫމާތު ދެއެވެ.

ސައުތު ކޮރެއާއިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ ސްޓައިލް މެގަޒިން، އޭބޯ ރޯޑް މެގަޒިން، ދަ ބީސީ މެގަޒިން އަދި އެސްކުއަޔާ މެގަޒިން އިންނެވެ. މިއީ ސައުތު ކޮރެއާގައި އެންމެ މަގުބޫލު ލައިފްސްޓައިލް މެގަޒިންތަކެވެ. ޗައިނާ އިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ ޓްރެވަލް ޕްލަސް ލެޝުއާ، ކޮންޑެނާސްޓް ޓްރެވަލާ، މޭރީ ކްލެއާ އަދި ޝަންގައި ކުއަންޒީ އެންޑް ޒަކާ އެވެ. މި ޓްރިޕަށް ފަހު މި ހުރިހާ މެގަޒިނެއްގަިއ ރާއްޖެއަށް ޒިޔާރަތް ކުރުމަށްފަހު އެމީހުންގެ ތަޖުރިބާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމަށް ވާއިރު ރާއްޖެއަށް 12 ވަނައަށް އެންމެ ގިނައިން ދަތުރުކުރަނީ ސައުތު ކޮރެއާގެ ފަތުރުވެރިންނެވެ. މީޑިއާ އެފްއޭއެމް ޓްރިޕްސްގެ އެހީގައި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރު ކުރެވޭނެ ކަމަށް އެމްއެމްޕީއާރުސީ އިން ގަބޫލުކުރެއެވެ.