ޚަބަރު

އުމަރު ބާއްވާ ޖަލްސާ އަންނަ ބުރާސްފަތި ދުވަހަށް ފަސްކޮށްފި

ނޮވެމްބަރު ތިނެއްގެ ހާއިން ހ. ހާޖަރާގޭ، އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމާ ގުޅިގެން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބާއްވާ ޖަލްސާ އަންނަ ބުރާސްފަތި ދުވަހަށް ފަސްކޮށްފިއެވެ.

އުމަރު ބާއްވާ ޖަލްސާ ކުރިން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭއެވެ. ކާނިވާ ސަރަހައްދުގައި މިރޭ އެ ޖަލްސާ ބޭއްވުމުގެ ހުއްދައަށް އެދުމުން ޕްލޭނިން މިނިސްޓްރީން ވަނީ އުމަރަށް އެ ހުއްދަ ވެސް ދީފައެވެ.

އުމަރު ވިދާޅުވީ މިރޭ ބޭއްވުމަށް އިންތިޒާމުކުރި "19 ޝަހީދުންގެ ހަނދާނެއް ނުނެތޭ" ޖަލްސާ، މޫސުން ތަން ނުދޭތީ އަންނަ ބުރާސްފަތި ދުވަހަށް ބަދަލުކުރެވިފައިވާ ކަމަށެވެ.

އުމަރު ނަސީރު އިސްވެ ހުންނަވައިގެން ޖަލްސާއެއް ބާއްވަން ނިންމީ، ލުތުފީ ލަންކާގެ އެމްބަސީގައި ފޮރުވައިގެން ގެންގުޅެނިކޮށް އެކަން ފަޅާއަރުވާލައި، އޭނާ އަނބުރާ ޖަލަށް ގެނައުމަށް ކުރެވުނު މަސައްކަތުގެ ކާމިޔާބީ ފާހަގަކުރުމަށް ކަމަށް އުމަރު ވިދާޅުވެފައި ވެއެވެ.

ލަންކާގައި ލުތުފީ ފިލައިގެން އުޅެނިކޮށް، އެގައުމުގައި ދިން ބޮން ގޮއްވުމުގެ ހާދިސާއާ ގުޅިގެން ހިމާޔަތް ހޯދުމަށް ދިވެހި އެމްބަސީއަށް ލުތުފީ ދިއުމުން އޭނާ އެމްބަސީގައި ދެމަސް ދުވަހު ބަހައްޓާފައި ވެއެވެ.

ލުތުފީ ރާއްޖެ ގެނެސް މިހާރު ވަނީ ހުކުމް ތަންފީޒު ކުރުމަށް ޖަލަށް ގެންގޮސްފައެވެ.

ނަވާރަ ދިވެހިން ޝަހީދުކޮށްލި އުދުވާނާގުޅިގެން ޝަރިއަތްކޮށް ލުތުފީ މަރަން ހުކުމްކުރިއެވެ. ނަމަވެސް ފަހުން އެ ހުކުމް ވަނީ އުމުރު ދުވަހަށް ބަދަލުކޮށްފައެވެ.