ޔޫރަޕިއަން ކޮމިޝަނަށް އަލަށް އިންތިހާބުވެވަޑައިގެންނެވި ރައީސް އަރސަލާ ވޮންޑަ ލެޔެން އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ރައީސް ސޯލިހު ވަނީ ޔޫރަޕިއަން ޔޫނިއަނާ ރާއްޖެއާ ދެމެދުގައިވާ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޔޫރަޕިއަން ޔޫނިއަނުން ރާއްޖޭގެ ދެމެހެއްޓިނިވި ތަރައްގީއަށްޓަކައި އިޖްތިމާއީ އަދި އިގުތިޞާދީ ގޮތުން ދެމުންގެންދާ އެއްބާރުލުން ފާހަގަކުރައްވައި ދިވެހި ސަރުކާރާއި، ރައްޔިތުންނާ އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ޝުކުރު އަދާކުރައްވާފައިވެއެވެ.
މީގެ އިތުރުން ވެސް، އެކަމަނާގެ ރައީސްކަމުގެ ދައުރުގައި ޔޫރަޕިއަން ޔޫނިއަނާއި ރާއްޖޭގެ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.