ޝަހީދާ އަބްދުﷲ ސައީދު
ކުރިއަށް އޮތް ފަސް އަހަރު ދުވަހު ހާސިލްކުރަން ކަނޑައަޅައިފައިވާ ލަނޑުދަނޑިތައް އެކުލެވޭ ގޮތުގެ ''ސްޓްރެޓެޖިކް ޕްލޭން'' ތައާރަފު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ނިންމައިފިއެވެ.
ކަސްޓަމުގެ 129 ވަނަ އަހަރީ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު، ކަސްޓަމުން ނެރުނު ބަޔާނުގައި ބުނީ، އަހަރީ ދުވަހާ ގުޅިގެން ވަރަށްގިނަ ހަރަކާތްތައް ހިންގަން ރާވާފައިވާކަމަށެވެ.
އެގޮތުން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެކުލަވައިލި ''ސްޓްރެޓެޖިކް ޕްލޭން'' ލޯންޗްކުރުމާއި ކަސްޓަމުގެ މުވައްޒަފުންނާއި އާއިލާތަކަށް ހާއްސަކޮށްގެން ''ކަސްޓަމްސް ރަން 2019'' ގެ ނަމުގައި ދުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
އަދި ކަސްޓަމްސްގެ ތާރީޚު ދައްކުވައިދޭ މައުރަޒަކާއި ''ކަސްޓަމްސް ނައިޓް'' ގެ ނަމުގައި މުނިފޫހި ފިލުވުމުގެ ހަފުލާއެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ކަސްޓަމުން ބުނެއެވެ.
ކަސްޓަމްސްގެ 129 ވަނަ އަހަރީ ދުވަސް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހުރި ކަސްޓަމްސްގެ އޮފީސްތަކުން އަންނަނީ ފާހަގަކުރަމުންނެވެ. އަހަރީ ދުވަހުގެ ފުރަތަމަ ހަރަކާތް ފަށައިފައިވަނީ މިއަދު ހެނދުނު 6:00 ގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު އެވެ.
އެރަސްމިއްޔާތުގައި ގައުމީ ދިދަ ނަންގަވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ. އަދި ކަސްޓަމްސްގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާނެވެ. މިރަސްމިއްޔާތުގައި ކަސްޓަމްސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
ކަސްޓަމްސްގެ ހިދުމަތް ރާއްޖޭގައި ފެށީ 18 ޖުލައި 1890 ގައެވެ.