ވައްކަމާއި ފޭރުން

ތިނަދޫ ޕޯސްޓް އޮފީސް ފަޅައިލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ގދ. ތިނަދޫ ޕޯސްޓް އޮފީސް ފަޅާލައިގެން ވައްކަންކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ރޭގެ ވަގުތެއްގައި ތިނަދޫ ޕޯސްޓު އޮފީސް ފަޅާލައި، އެތަނުގައި ހުރި ގިނަ އަދަދެއްގެ ޕާރުސަލްތަކެއް ކަނޑައި، އެއިން ވައްކަން ކޮށްފައިވާ ކަމަށެވެ.

މިގެ އިތުރުން ޕޯސްޓު އޮފީހުގެ ތިޖޫރީ ފަޅާލަން ވެސް މަސައްކަތް ކޮށްފައިވާ ކަމަށާއި ނަމަވެސް ތިޖޫރީ ފަޅާލެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެމައްސަލަ މިއަދު 8:00 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށާއި އެމައްސަލައިގައި ތުހުމަތުކުރެވޭ މީހާ ދިރިއުޅޭ ގެ ބަލައި ފާސްކޮށް، ޕޯސްޓް އޮފީހާއި އަދި ޕޯސްޓް އޮފީސް ކައިރީ ހުރި ގެޔަކުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެއްޗާއެކު މިއަދު 10:20 ހާއިރު 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

އެމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.