ޖުޑީޝަލް ސާވިސް ކޮމިޝަން

އެހެން ކޮމިޝަންތަކުގެ މެންބަރުންނާ އެއްވަރު އުޖޫރައެއް ޖޭއެސްސީގެ މެންބަރުންނަށް ދޭކަށް ނުޖެހޭ: މުއިއްޒު

އިބްރާހިމް ޒަކީ

އެހެން ކޮމިޝަންތަކުގެ މެންބަރުންނާ އެއްވަރުގެ އުޖޫރައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުންނަށް ދޭން ޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ބާ ކައުންސިލްގެ މެންބަރު މަޝްހޫރު ގާނޫނީ ވަކީލު އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އިއްޔެ ވާހަކަ ދައްކަވަމުން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުއިއްޒު ވިދާޅުވީ، ޖޭއެސްސީގެ މެންބަރުންނަކީ، ޕާޓްޓައިމް ކޮށް މަސައްކަތްކުރައްވާ ބައެއް ކަމަށެވެ. އެހެންކަމުން އެ ބޭފުޅުންނަށް އެހެން ކޮމިޝަންތަކުގެ މެންބަރުންނާ އެއްވަރުގެ އުޖޫރައެއް ދެއްވަންޖެހޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުންނަށް، އެހެން ކޮމިޝަންތަކުގެ މެންބަރުންނާ އެއްވަރު އުޖޫރައެއް ޕާޓްޓައިމްކޮށް މަސައްކަތް ކުރައްވަންޏާ އަރުވަން ޖެހޭނެ ކަމަކަށް، އެކަން އަޅުގަނޑު ފާހަގަކުރަން،" މުއިއްޒު ވިދާޅުވިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކާއި ބަންޑާރަ ނައިބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުން އިންތިހާބުކުރާ މެންބަރަކާއި އާންމުންގެ ތެރެއިން ހޮވާ މެންބަރަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްގެ އިތުރުން ރައީސް ކަނޑައަޅުއްވާ މެންބަރެއް އަދި ވަކީލުންގެ ތެރެއިން ހޮވާ މެންބަރެއްގެ މައްޗަށެވެ.