ޝަހީދާ އަބްދުﷲ ސައީދު
ގޮންޖެހުންތަކާއެކުވެސް، ކަސްޓަމްސްގެ ރީތި ނަން ދެމެހެއްޓުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅުއްވާ ޒީރޯ ޓޮލެރަންސް ސިޔާސަތު، ފަރުދީގޮތުން ތަންފީޒުކުރަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް 129 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއަކީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.
އަދި މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމުގައި ކަސްޓަމްސްގެ ވަރަށް ބޮޑު ޒިންމާއެއް އޮންނަކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ އެ ޒިންމާ އަދާކުރުމުގައި، ކަސްޓަމްސްގެ މުވައްޒަފުންނަށް ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކާއެކު ވެސް ރައީސް ސޯލިހު ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅުއްވާ ޒީރޯ ޓޮލެރެންސް ތަންފީޒު ކުރަންޖެހޭ ކަމަށެވެ.
ކަސްޓަމްސް ބިލްޑިންގުގައި ބޭއްވި މި ރަސްމިއްޔާތުގައި މާރިޔާވަނީ ދިވެހިރާއްޖޭގެ އެންމެ ދުވަސްވީ އެއް މުއައްސަސާކަމުގައިވާ ކަސްޓަމްސްއިން ކުރައްވާ މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.
އެގޮތުން ކޮންމެ ދުވަހަކު، ގައުމަށް އެތެރެކުރާ މުދަލާއި ތަކެއްޗާއި، އަދި ގައުމުން ބޭރުކުރާ މުދަލާއި ތަކެތީގެ ހިސާބު ކިތާބު ބަލަހައްޓައި، ދައުލަތަށް ނަގަންޖެހޭ ޑިއުޓީ ނެގުމަކީ، ބުރަ މަސައްކަތެއްކަން މާރިޔާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ކުރީގެ ސަރުކާރުގައި ކަސްޓަމްސްގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދީފައި ވަނީ ސިޔާސީ ކުލައިން ކަމަށް ބުނެ ޝަކުވާ އައި ކަމަށާއި ނަމަވެސް މި ސަރުކާރުގައި މަގާމުގެ ކުރިއެރުން ލިބޭނީ ހަމަ އާއި އުސޫލުގެ ތެރެއިން ކަމަށް މާރިޔާ ވިދާޅުވިއެވެ.