ފަލަސްތީނުގައި ފަނޑިޔާރުކަން ކުރެއްވި ފުރަތަމަ އަންހެން ފަނޑިޔާރު، ޚުލޫދު އަލް ފަގީހާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ފިލްމު "ދި ޖަޖް" ދެއްކުމާއި ޚިޔާލުބަދަލުކުރުމުގެ ގޮތުން ބޭއްވި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގެންފިއެވެ.
އޮލިމްޕަހުގައި ރޭ ބޭއްވި މި ހަފުލާއަކީ މިނިސްޓްރީ އޮފް އާރޓްސް އެންޑް ހެރިޓޭޖްގެ އެހީތެރިކަމާއެކު އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމުގައިވާ އުތެމާއިން އިންތިޒާމުކުރި ހަފުލާއެކެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، މި ފިލްމުގައި ދައްކުވައިދެނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދެވި ޚުލޫދު އަލް ފަގީހު މެދުއިރުމަތީގެ ޝަރުއީ ކޯޓަކަށް އައްޔަންކުރި ފުރަތަމަ އަންހެން ފަނޑިޔާރުކަމުގައި ވެވަޑައިގެންނެވުމަށް ކަޑައްތު ކުރެއްވި ދިގު ރާސްތާއެވެ.
އެގޮތުން ވަކީލެއްގެ ގޮތުގައި ޚުލޫދު އަލް ފަގީހު ކުރެއްވި ބުރަ ދަތުރުފުޅާއި، އަންހެނުންނަށް އިންސާފު ހޯއްދަވައިދެއްވުމަށް އެކަމަނާ ކުރެއްވި މަސައްކަތްތަކުގެ އިތުރުން އެކަމަނާގެ ރަސްމީ ބައެއް މަސައްކަތްތަކާއި އާއިލީ ދިރިއުޅުއްވުންވެސް މި ފިލްމުގައި ދައްކުވައިދެއެވެ.
އަދި މީގެ ކުރިން ހާމަވެފައި ނުވާ މިންވަރަށް ހާމަ ކަމާއެކު މެދުއިރުމައްޗާއި، ފަލަސްތީނުގެ ޝަރުއީ ކޯޓުތަކުގެ ވާހަކަތައް ގެނެސްދީފައިވާ މި ޑޮކިއުމަންޓްރީގައި ފަލަސްތީނުގެ އާދަކާދައާއި ގާނޫނީ ދާއިރާވެސް ވަރަށް ފުރިހަމައަށް ގެނެސްދީފައިވެއެވެ.
މި ހަފުލާގައި މި ފިލްމު ދެއްކުމުގެ އިތުރުން ''އަންހެނުންނާ ފަނޑިޔާރުކަން" މި މައުލޫއުގެ މައްޗަށް ޕެނަލް އަކާއެކު ޚިޔާލު ބަދަލުކުރެއްވިއެވެ.