ޚަބަރު

ކުރިއަށްއޮތް ގަޑިތަކުގައި، މޫސުން ގޯސްވާނެ، އުދައެރުން އެކަށީގެންވޭ: މެޓް އޮފީސް

އިބްރާހިމް ޒަކީ

ކުރިއަށްއޮތް ގަޑިތަކުގައި ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެތީ މޫސުމަށް ސަމާލު ވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް ނެޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އޮފީހުން އިލްތިމާސް ކޮށްފިއެވެ.

މެތް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރާއިރު، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ގުގުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

މެޓް އޮފީހުން ބުނި ގޮތުގައި ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ހަތްމޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައެވެ.

އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައެވެ.

ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވެއެވެ.

ރާއްޖޭގެ ކަނޑުތަށް އުތުރާއި މެދުތެރޭގައި ގަދަވާނެ އަދި ދެކުނގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ.

ވިއްސާރަ ގަދަވާނެތީ، ހއ. އަތޮޅާއި ޅަވިޔަނި އަތޮޅާ ދެމެދުގެ ރަށްތަކަށް މެޓް އޮފީޙުން ވަނީ ޔެލޯއެލާޓް ނެރެފައެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.