ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

އާންމު ސިއްހަތުގެ ދާއިރާއިން ރަނގަޅުކުރަން ހުރި ކަންކަމާ މެދު ނައިބު ރައީސް، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވައިފި

އާންމު ސިއްހަތުގެ ދާއިރާއިން ރަނގަޅުކުރަން ހުރި ބައެއް ކަންކަމާ މެދު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު، ހެލްތު މިނިސްޓަރ އަބްދުﷲ އަމީނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި އާންމު ސިއްހަތުގެ ދާއިރާ އިތުރަށް ރަނގަޅުކުރުމަށް ކުރެވެން ހުރި ކަންކަމަކީ ކޮބައިތޯ ބަލައި އެކަންކަން ރަނގަޅު ކުރުމަށް މަސައްކަތްކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން އާންމު ސިއްހަތަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިޔަށްގެންދެވޭއިރު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ވެސް މިފަދަ ޕްރޮގްރާމްތައް އަމާޒުކުރުމާއި މި ަދަ ޕްރޮގްރާމްތައް ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށް ހިންގުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މިދާއިރާއިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް މީޑިއާ މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި ހިންގުމުގެ ބޭނުންތެރިކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު އިތުރު ކަންކަމުގެ ތެރޭގައި ޕަބްލިކް ހެލްތު ދާއިރާއިން ރަނގަޅުކުރަން ހުރި ކަންކަމާއި ހުރި ގޮންޖެހުންތަކާއި އަމާޒުހިފަންވީ ގޮތްތައް ހިމެނެއެވެ. މީގެ އިތުރުން މިދުވަސްވަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭރަށް ހިންގުމާއި އަރިދަފުސް ރޯގާފަދަ ބަލިތައް ފެތުރެމުންދާ ދުވަސްވަރަކަށްވާތީ އެކަންކަމުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަދެކެވި މަޝްވަރާކުރެވުނެވެ.