ޚަބަރު

ހެލްތު މިނިސްޓަރު އަމީނާއި ޕްލޭނިން މިނިސްޓަރު އަސްލަމް މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި

1

ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އަމަރު ހުށަހަޅުއްވައިފިއެވެ.

ހެލްތު މިނިސްޓަރު އަމީންއާ ދެ މަޝްރޫއަކާ ގުޅޭ ސުވާލެއް ކުރެއްވުމަށް އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ އިރު، ޕްލޭނިން މިނިސްޓަރު ހާޒިރުކުރަން ހުށަހަޅާފައިވަނީ ބަނދަރު މަޝްރޫއަކާ ގުޅޭ ސުވާލެއް ކުރެއްވުމަށެވެ.

މިނިސްޓަރު އަމީންއާ، އާދަމް ޝަރީފް ސުވާލުކުރެއްވުމަށް ހަމަޖެހިފައިވާ ދެ މަޝްރޫއުގެ ތެރެއިން އެއް މަޝްރޫއަކީ ރ. މީދޫގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަޝްރޫއެވެ. މީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރުމަށް އަޅަންޖެހޭ އިމާރާތް ޑިޒަންކޮށް ބީއޯކިއު ހަދާނެ ފަރާތެއް ހޯދުމަށް މިއަހަރުގެ މާޗް މަހު 21ގައި އިއުލާންކޮށްފައިވާ އިރު، ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ގޮސްފައިވާ މިންވަރަކީ ކޮބައިތޯއާއި އެކަމަށް މިއަހަރަށް ބޭނުންވާ ފައިސާ ސެކިއުއާ ކުރެވިފައިވޭތޯ އާއި އަދި ހޮސްޕިޓަލަށް ބަދަލުކޮށް، ހިދުމަތް ދޭން ފެށޭނީ ކޮން އަހަރަކުތޯ ސުވާލު ކުރެއްވުމަށް އާދަމް ޝަރީފް ހުށަހަޅުއްވާފައިވެއެވެ.

އަމީންއާ ސުވާލުކުރެއްވުމަށް ހަމަޖެހިފައިވާ އަނެއް މަޝްރޫއަކީ ރ. މަޑުއްވަރީ ހެލްތު ސެންޓަރުގެ އާ އިމާރާތުގެ މަޝްރޫއެވެ. މަޑުއްވަރީ ސިއްހީ މަރުކަޒުގެ އާ އިމާރާތް ޑިޒައިންކޮށް ބީއޯކިޔު ހަދާނެ ފަރާތެއް ހޯދުމަށް މިއަހަރުގެ މާޗް 21ގައި އިއުލާންކޮށްފައިވާ އިރު، އެ މަސައްކަތް މިއަހަރު ފެށޭނެތޯ އާއި އެކަމަށް ބޭނުންވާ ފައިސާ ސެކިއުއާ ކުރެވިފައިވޭތޯ އާއި އަދި އެ އިމާރާތް ނިމި އެތަނުގެ ހިދުމަތް ދޭން ފެށޭނެ އަހަރަކީ ކޮބައިތޯ ސުވާލު ކުރެއްވުމަށް އާދަމް ޝަރީފް ހުށަހަޅުއްވާފައިވެއެވެ.

ޕްލޭނިން މިނިސްޓަރު އަސްލަމް ހާޒިރުކުރަނީ މަޑުއްވަރީ ބަނދަރުގެ މަޝްރޫއާ ގުޅޭގޮތުން ސުވާލުކުރެއްވުމަށެވެ. މަޑުއްވަރީގައި 1200 ފޫޓުގެ ބަނދަރެއް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދަކަށް ވެފައި، މިއަހަރު އެ ބަނދަރުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވެފައިވާތީ އެ ރަށުގެ ބަނދަރުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެތޯ އާއި އެ މަސައްކަތަށް މިއަހަރަށް ބޭނުންވާ ފައިސާ ސެކިއުއާ ކުރެވިފައިވޭތޯ ސުވާލު ކުރެއްވުމަށް އާދަމް ޝަރީފް ވަނީ ހުށަހަޅުއްވައިފައެވެ.

މީގެ ކުރިން މިމަހުގެ ތެރޭގައި މިނިސްޓަރު އަސްލަމް ވަނީ މަޖިލީހަށް ހާޒިރުކޮށްފައެވެ. އައްޑޫ ސިޓީ މަރަދޫގެ ބަނދަރުގެ މަސައްކަތް ހުއްޓިފައިވާ މައްސަލައާ ގުޅޭގޮތުން ސުވާލުކުރުމަށް މަޖިލީހަށް ހާޒިރުކުރަން އެފަހަރު ހުށަހަޅުއްވާފައިވަނީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟