ނަފްސާނީ ބަލިތަކުގެ ވާހަކަ ދެއްކޭނެ ފަދަ މާހައުލެއް ރާއްޖޭގައި ގާއިމްކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަހްމަދު ވިދާޅުވެއްޖެ އެވެ.
ނަފްސާނީ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މެންޓަލް ހެލްތު އެވެއަރނެސް ފައުންޑޭޝަނުން ކުރިޔަށް ގެންދިޔަ "މެންޓަލް ހެލްތް އެންޑް ޔަންގް ޕީޕަލް، ވަން ޑޭ މެންޓަލް ހެލްތު އެވެއާނަސް ވޯކްޝޮޕް ފޯ އެޑިއުކޭޓާސް" ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެޑަމް ފަޒްނާ ވިދާޅުވީ އާދައިގެ ބަލިތަކެކޭ އެއްފަދައިން ނަފްސާނީ ބަލިތަކުގެ އަސަރުކޮށްފައިވާ ބަލި މީހުންނަށް އެފަދަ ބަލިތަކާ ގުޅިގެން ވާހަކަދެއްކޭނެ މާހައުލެއް ގާއިމް ކުރަންޖެހޭ ކަމަށެވެ. މިއަދު ހަވީރު ކުރިއަށްދިޔަ މި ރަސްމިއްޔާތު ކުރިއަށް ދިޔައީ ޝައިން ޓްރީ ބިލްޑިންގްގެ ކޮންފަރެންސް ހޯލްގައެވެ.
މެޑަމް ފަޒްނާ ވިދާޅުވީ "މެންޓަލް ހެލްތު އެންޑް ޔަންގް ޕީޕަލް، ވަން ޑޭ މެންޓަލް ހެލްތު އެވެއާނަސް ވޯކްޝޮޕް ފޯ އެޑިއުކޭޓާސް" ވޯކްޝޮޕަކީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ޝިއާރާ ވަރަށް ގުޅޭ ވޯކްޝޮޕެއް ކަމަށެވެ. މިއަހަރުގެ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ޝިއާރަކީ “ބަދަލުވަމުން އަންނަ ދުނިޔޭގައި ޒުވާނުން”ނެވެ. މީގެ އިތުރުން މިފަދަ ވޯކްޝޮޕްތައް ބޭއްވުމަކީ ނަފްސާނީ ދުޅަހެޔޮކަމާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމުގައި މުހިއްމު ރޯލެއް އަދާކުރާނެ ކަމެއް ކަމަށް މެޑަމް ފަޒްނާ ވިދާޅުވިއެވެ. އަދި މިއީ ނަފްސާނީ ބަލިތަކާ މެދު މުޖުތަމައު ދެކޭގޮތް ބަދަލު ކުރެވޭނެ ކަމެއްކަމަށް މެޑަމް ވިދާޅުވިއެވެ.
ފުރާވަރަށް އަރަމުން އަންނަ ދުވަސްވަރަކީ ޒުވާނުންގެ ދިރިއުޅުމަށް ނުހަނު ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެއްކަން ފާހަގަކުރައްވަމުން ފަޒްނާ ވިދާޅުވީ މިފަދަ ދުވަސްވަރު ސްކޫލް މާހައުލުން ނަފްސާނީ ކަންކަމާ ގުޅޭ ހިދުމަތް ޒުވާނުންނަށް ވަރަށް ބޭނުން ކަމަށެވެ. އަދި ފުރާވަރަށް އަޅަމުން އަންނަ ދުވަސްވަރަކީ ނަފްސާނީ ކަންކަމާ ގުޅެ ހިދުމަތް ޒުވާނުންނަށް އެންމެ ބޭނުން ދުވަސްވަރު ކަމަށް ފަޒްނާ ފާހަގަކުރެއްވިއެވެ.
ފަޒްނާ ވިދާޅުވީ އުނގަންނައިދޭ ފަރާތްތަކާއި މުޖުތަމައުގެ އެކިއެކި ފަރުދުންނާއި އާއިލާތަކުން ގުޅިގެން މަސައްކަތްކޮށްފިނަމަ ނަފްސާނީ ބަލިތަކުން އަރައިގަތުމަށް މަސައްކަތްކުރާ މީހުންނަށް ނުހަނު ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ކަމަށެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާލިބޭ އިންތިޒާމު ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭ ހިމެނޭ މުހިއްމު ވައުދެކެވެ. އަދި މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ ނެޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓް އުފައްދަވާ އާސަންދައިގެ ދަށުން ހިދުމަތް ލިބޭ ގޮތް ސަރުކާރުން ވަނީ ހަމަޖައްސަވާދެއްވައިފައެވެ.