ޚަބަރު

ބީއެމްއެލްގެ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް ނީޒާ މާލިއްޔަތު ކޮމިޓީގައި އެދިއްޖެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ކުރީގެ ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދު އެދިއްޖެއެވެ.

މިހާރު އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ނީޒާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބީއެމްއެލްގެ ތުހުމަތުތަކަށް މާލިއްޔަތު ކޮމިޓީއަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދިފައިވާނެ ކަމަށެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒަށް ނީޒާ ފޮނުއްވި ސިޓީގައި ވިދާޅުވީ އެމްއެމްޕީއާރުސީގައި ފައިސާތަކެއް ޖަމާވަމުންދިޔަ ނަމަވެސް، އެ މުއާމަލާތްތައް ބޭންކުން ހިފަހައްޓާފައި ނުވަނީ ނީޒާގެ ލަފާގެ މަތިން ކަމަށް ބީއެލްއެލް އިން މާލިއްޔަތު ކޮމިޓީގައި ބުނެފައިވާތީ އެކަމުގެ ހަގީގަތް އޮޅުންފިލުވައިދޭން ބޭނުންވާ ކަމަށެވެ.

ބީއެމްއެލް އިން އެހެން ބުނި ނަމަވެސް، އެއީ ކަމުގެ ހަގީގަތް އޮޅުވާލުމަށް އެ ބޭންކުން ބުނެފައިވާ ވާހަކައެއް ކަމަށް ނީޒާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.

އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓް ރިޕޯޓުތަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބީއެމްއެލްގެ އިސް ބޭފުޅުން އިއްޔެ ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ބީއެމްއެލްގެ އިންޓަރިމް ރިސްކް އޮފިސަރު ޔާމީން އާދަމް ވިދާޅުވީ އެސްއޯއެފްގެ އެކައުންޓުން ހިންގި މުއާމަލާތްތަކާ ގުޅިގެން އެ އެކައުންޓް ވަގުތީ ގޮތުން ހިފެހެއްޓުމަށްފަހު، އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖަންސް ޔުނިޓް (އެފްއައިޔޫ) އަށް ނޮވެމްބަރު 2014 ސަސްޕިޝަސް ޓްރާންސްއެކްޝަން ރިޕޯޓް (އެސްޓީއާރް) ފޮނުވި ކަމަށެވެ.

ނަމަވެސް އޭރު އެފްއައިޔޫއާ ހަވާލުވެ ހުންނެވީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދު ކަމަށާއި އެސްއޯއެފްގެ އެކައުންޓްތައް ބޭންކަށް ނުހިފެހެއްޓޭނެ ކަމަށް އޭނާ ލަފާ ދެއްވި ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެފްއައިޔޫގެ އިސްވެރިޔާ އާތިފް ޝަކޫރު އޭރު ހުންނެވީ ޗުއްޓީގައި ކަމަށެވެ.

ނަމަވެސް ޗުއްޓީއިން އެނބުރިވަޑައިގެން އާތިފް ޝަކޫރުވެސް ވިދާޅުވީ ހަމަ އެގޮތަށް ކަމަށާއި އިތުރު މުއާމަލާތްތަކަށް އެ އެކައުންޓް އިންއެކްޓިވޭޓް ކޮށްފައި ނުބެހެއްޓޭނެ ކަމަށާއި އެކައުންޓް އެކްޓިވޭޓް ކުރަން ޖެހޭނެ ކަމަށް ނީޒާ އާއި އާތިފްގެ ފަރާތުން އިންސްޓްރަކްޝަން އައިކަމަށް ޔާމީން ވިދާޅުވިއެވެ.

ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން ނީޒާ އިސްތިއުފާ ދެއްވީ ގަވަރުނަރަކަށް ހަމަޖެއްސުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އޭނާގެ ނަން ފޮނުވުމަށްފަހު އަނބުރާ ނަން ގެންދިއުމާ ގުޅިގެންނެވެ.