ޚަބަރު

ބީއެމްއެލް އިން ހުށަހެޅި މައްސަލައަކާ ގުޅިގެން ރައީސް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަން ކޯޓަށް ހާޒިރުކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަން، ސިވިލް ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.

ބީއެމްއެލް އިން ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ އެ ބޭންކުގައި ހުޅުވާފައިވާ ދެ އެކައުންޓެއްގެ މައުލޫމާތު ފޯރުކޮށްދިނުމަށް އެސެޓް ރިކަވަރީ ކޮމިޝަނުން އަންގާފައިވާތީ އެކަމުގައި އަމަލުކުރާނެ ގޮތެއް ކަނޑައަޅައިދިނުމަށެވެ.

ސިވިލް ކޯޓުގައި މާދަމާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެ މައްސަލައިގެ ޑިސްޕިއުޓް މަރުހަލާގެ އަޑުއެހުމެވެ. އެ އަޑުއެހުމަށް ހާޒިރުވާން މިހާރު ވަނީ އެސެޓް ރިކަވަރީ ކޮމިޝަނަށް ވެސް އަންގައިފައެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަމުންދާ ދެ މައްސަލައަކާ ގުޅިގެން މައުލޫމާތު ފޯރުކޮށްދިނުމަށް އެ ކޮމިޝަނުން އެދިފައިވާ ކަމަށް އިއްޔެ ބޭއްވި މާލިއްޔަތު ކޮމިޓީގައި ވެސް ބީއެމްއެލް އިން ފާހަގަކޮށްފައިވެއެވެ.